ޚަބަރު

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ބަލައިގަނޭ


ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު ކުރިއަރާނެ ވާހަކައަކީ މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައެވެ. މިވާހަކަތައް ދައްކަނީ ހަމައެކަނި ދިވެހި ސަރުކާރުން ނޫނެވެ. މިވާހަކަތައް ދަނީ ދުނިޔޭގެ ޤައުމުތަކުން އިތުބާރު ކުރާ މާލީ ވުޒާރާތަކުންވެސް ތަކުރާރު ކުރަމުންނެވެ. މިވާހަކަ އެންމެ ފަހުން ހާމަކުރި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އިން ބުނެފައިވަނީ މިއަހަރު އެންމެ ބާރަށް އޭޝިއާ ބައްރުން ކުރިއަރާނީ ރާއްޖޭގެ އިޤްތިޞާދު ކަމަށެވެ.

އޭޑީބީން ނެރެފައިވާ އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކް ރިޕޯޓުގައި ބުނެފައިވަނީ، މިއަހަރު ރާއްޖޭގެ އިޤްތިޞާދު 11 އިންސައްތަ ކުރިއަރާނެ ކަމަށެވެ. މި ރިޕޯޓުގައި 46 ޤައުމަކަށް ބަލާލާފައިވެއެވެ. އަދި އެ ޤައުމުތަކުގެ އިޤްތިޞާދީ ހާލަތާއި ކުރިއަށް ލަފާ ކުރެވޭ ގޮތް ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

މި ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދު 31.6 އިންސައްތައިގެ ކުރިއެރުމެއް ހޯދިއެވެ. މިއީ ކޯވިޑާއި ގުޅިގެން 2020 ވަނަ އަހަރު 33.5 އިންސައްތަ ދަށްވުމަށް ފަހު ލިބުނު ކުރިއެރުމެވެ. މި ކުރިއެރުން އެންމެ ބޮޑަށް ނިސްބަތްވަނީ ރާއްޖޭގެ ފަތުރިވެރިކަން އިޔާދަވާން ފެށުމުން ކަމަށް އޭޑީބީން ބުނެއެވެ. މިކަމަށް އިޝާރާތްކޮށް ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ފަތުވެރިކަން އަލުން އިޔާދަ ވުމުގެ އެންމެ ބޮޑު އަސްލަކީ ކޯވިޑާއި ގުޅިގެން ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތައް ކަމަށެވެ. އަދި މީގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ބޭނުންކޮށް ޕްރޮމޯޓު ކުރުމާއި، ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑު ޖެހިޖެހިގެން ދެ އަހަރު ހޯދުންވެސް ފަތުރުވެރިން އައުމަށް މަގުފަހި ކުރި ކަމަށެވެ.

ނަމަވެސް ރަޝީޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއިއެކު، މިމާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް މިދިޔަ އަހަރުގެ އަދަދުތަކާއި އަޅާ ބަލާއިރު 10 އިންސައްތަ ދަށަށް ދާނެ ކަމަށް އޭޑީބީން ވަނީ ލަފާކުރެއެވެ. އޭޑީބީން ލަފާކުރާ ގޮތުގައި މި މާކެޓް ދަށަށް ދިޔަ ނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިހާރު ދާ މިންގަނޑަށް ބަލައި، ފަތުރުވެރިކަން ޕްރޮމޯޓު ކުރުމާއި ފަތުރުވެރިކަމުގެ ރަންއަހަރުގެ ހަރަކާތްތަކާއެކު މިކަން ފޫބައްދާލެވިދާނެއެވެ. ނަމަވެސް ހަނގުރާމަ ދިގުލުމާއި އަދި ކޯވިޑުގެ އައު ވޭރިއެންޓެއް އައުމަކީ މިކަމަށް ކުރިމަތިވާނެ ގޮންޖެހުންތަކެއްގެ ގޮތުގައި އޭޑީބީން ފާހަގަކުރެއެވެ.

ފަތުރުވެރިކަމުގެ އިތުރަށް މިއަހަރު ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުންވެސް އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެކަމަށް އޭޑީބީން ބުނެއެވެ. އެގޮތުން ސަރުކާރުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޙަރަދު ކުރާ މިންވަރު ބޮޑުތަނުން މިއަހަރު އިތުރު ކަމަށް އޭޑީބީން ފާހަގަކުރެއެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި، ބިން ހިއްކުމުގެ މަޝްރުޢޫތަކުގެ އިތުރުން މަގު ހެދުމާއި ސިއްޙީ އަދި އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނެއެވެ.

މީގެ އިތުރުން ސަރުކަރުގެ ޕީއެސްއައިޕީ ޕްރޮގްރާމަށް ކުރާ ޙަރަދަށް މިއަންނަ އަހަރު 6.3 ބިލިއަން ރުފިޔާ އަށް އިތުރުކޮށް ޖުމްލަ 7.8 ބިލިއަން ރުފިޔާ މި ޕްރޮގްރާމަށް ޙަރަދު ކުރުމަށް ކަނޑައަޅާފައިވާކަން އެޑީބީން ފާހަގަކުރެއެވެ. އޭޑީބީން ބުނި ގޮތުގައި މި ޕްރޮގްރާމްތަކުގެ ތެރޭ މިއަހަރު ފަށާފައިވާ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތާއި، ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތް ހިމެނެއެވެ.

އޭޑީބީން ރާއްޖޭގެ އިޤްތިޞާދު 11 އިންސައްތަ މިއަހަރު ކުރިއަރާނެ ކަމަށް ލަފާ ކުރާއިރު، އަންނަ އަހަރު 12 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާ ކުރެއެވެ. މީގެ އިތުރުން އައިއެމްއެފް އާއި ވޯލްޑް ބޭންކުން ހާމަކުރާ ގޮތުން ދިވެހި ރާއްޖެ އަކީ މިވަގުތު އާބާދީގެ ނިސްބަތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދެވެ.