ވިޔަފާރި

މިއަހަރުގެ ބީއައިޓީ ފެއާރގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީ އިޓަލީގައި


އިޓަލީގެ މިލާންގައި ކުރިއަށްދާ ބީއައިޓީ މިލާން ފެއާގައި އެމްއެމްޕީއާރްސީން ރާއްޖެ ތަމްސީލްކޮށް، އެ ސަރަހައްދުގައި ރާއްޖޭގެ ޕްރޮމޯޓްކުރުމުގެ ގޮތުން ބައިވެރިވެއްޖެއެވެ.

މިމަހުގެ 10 އިން 12 އަށް ކުރިއަށްދާ މި ފެއާގައި، ދުނިޔޭގެ އެކި ސަރަހައްދުތަކުން ޓުއަރ އޮޕަރޭޓަރުންނާއި، އިންވެސްޓަރުންނާއި މި ސިނާޢަތުގައި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، އަދި ވީއައިޕީ ކްލައިންޓުން ގެންގުޅޭ ޓްރެވެލް އޭޖެންޓުން ބައިވެރިވާނެއެވެ. މިއީ ވިޔަފާރީގެ އެކި ގުޅުންތައް ޤާއިމް ކުރުމަށާއި ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ލިބިގެންދާ ވަރަށް ފަހި ފުރުސަތެއްކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ އެންމެ އިސް ޒިންމާ އަދާކުރާ އެމްއެމްޕީއާރުސީން ބީއައިޓީ މިލާންގައި ބައިވެރިވަނީ 9 ކޯ އެގްޒިބިޓަރުންނާއިއެކުއެވެ.

އެމްއެމްޕީއާރްސީން މި ފެއާރގެ ތެރެއިންވެސް އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ޕްރޮމޯޓްކޮށް ރާއްޖެއަކީ ރައްކާތެރި މާހައުލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށެވެ. މީގެއިތުރުން ރާއްޖޭގެ ހޮޓަލް، ގެސްޓް ހައުސް، ރިސޯޓު އަދި ލިވަބޯޑްތައް ޕްރޮމޯޓު ކުރާނެއެވެ. އަދި މިއިން ކޮންމެ ކެޓަގަރީއަކުންވެސް ލިބޭ ތަފާތު އެކި ޙިދުމަތްތައް ކިޔައިދީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ކުރުވުމަށް އެމްއެމްޕީއަރްސީން މަސައްކަތް ކުރާނެއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި މިވަގުތު ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ އައު އާންމު ހާލަތައް ގިނަ ޤައުމުތަކުން ބަދަލުވަމުންދާއިރު މި އަހަރު މިފެއާގައި ގިނަ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު އިޓަލީ މާކެޓުން ރާއްޖެއަށް އައިސްފައިވަނީ 27309 ފަތުރުވެރިންކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މިއީ އޭގެ ކުރީގެ އަހަރުތަކާއި ބަލާއިރު 41.5 އިންސައްތަ ދައް އަދަދެކެވެ. ނަަމަވެސް، އިޓަލީ ކޯވިޑާއި އެކު ބަނދުވުމާއި ބަލާ މިއީ ގޯސް އަދަދެއް ނޫންކަމަށް އެމްއެމްޕީއާރްސީން ދެކެވެ.

އިޓަލީ މާކެޓުގައި ރާއްޖޭގެ މަޤާމު އަލުން އިޔާދަ ކުރުމަށް އެކުންފުނިން ގިނަ މަސައްކަތަކެއް ކުރަމުންދެއެވެ. އެގޮތުން މަޖައްލާތަކާއި މާކެޓުގެ އެކި ފަރާތްތަކާއި ގުޅިގެން ހިންގާ ޖޮއިންޓް ކެމްޕެއިންތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރަށް މިދިޔަ އަހަރު ބިއައިޓީ އޮންލައިންކޮށް ބޭއްވިއިރު އެމްއެމްޕީއާރްސީން ބައިވެރިވިއިރު، ޓީޓީޖީ ޓްރެވެލް އެކްސްޕީރިއަންސްގައިވެސް ބައިވެރިވިއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު މިހާތަނަށް 500000އާ ގާތްކުރާ އަދަދަށް ފަތުރުވެރިން ވަނީ އައިސްފައެވެ. މި ފަތުރުވެރިންގެ ތެރެއިން 6.9 އިންސައްތަ ހިއްސާ ކުރަނީ އިޓަލީ މާކެޓެވެ. އެ ޤައުމަކީ މިއަހަރު މިހާތަނަށް ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.