ކުޅިވަރު

ޗެމްޕިއަން އީރާނަށް ރާއްޖެ އަތުން ފަސޭހަ މޮޅެއް


ކިރްގިސްތާނުގައި އާދީއްތަ ދުވަހު ފެށި އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އީރާނުން ފަސޭހަކަމާއެކު ރާއްޖެ ބަލިކޮށްފިއެވެ.

މި މެޗު އީރާނުން ކާމިޔާބުކުރީ 17-0 ގެ ނަތީޖާއަކުންނެވެ. މިއީ ބައިނަލްއަގްވާމީ ފުޓުބޯޅައިގައި އީރާނުން 17-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 1997 ވަނަ އަހަރު ވެސް އީރާނުން ވަނީ ރާއްޖެ 17-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ފުޓްސަލް ރޭންކިންގެ ދުނިޔޭގެ ހަވަނައިގައި އޮތް އީރާނުން ވަނީ އޭޝިއާ ފުޓްސަލް މުބާރާތް 12 ފަހަރު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފު އީރާނުން ވަނީ ރާއްޖެ ކޮޅަށް ހަ ލަނޑު ޖަހައިފައެވެ، އަނެއް 11 ލަނޑު އީރާނުން ކާމިޔާބުކުރީ ފަހު ހާފުގައެވެ.

މި މެޗުގައި ރާއްޖޭން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެން ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކުރެވޯތޯ ބެލިއެވެ. އެކަމަކު ލަނޑެއް ޖަހަން ރާއްޖޭން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ކޮލިފައިންގައި ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި ހޯމަ ދުވަހުގެރޭ 19:00 ގައި ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި އަންގާރަ ދުވަހު ހަވީރު ކޮލިފައިންގެ ފަހު މެޗުގައި ރާއްޖޭން ނުކުންނާނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ރާއްޖެ ގަޑިން 16:00ގައެވެ.

ގައުމީ ފުޓްސަލް ޓީމުން މިދިޔަ މަހު ތައިލެންޑްގައި ބޭއްވި އިންވިޓޭޝަނަލް ކަޕްގެ ފަސް ވަނަ ހޯދިއިރު، އެ މުބާރާތަށް ފަރިތަކުރުންތައް ބޭއްވީ އެފްއޭއެމްގެ މިނީ ޓާފާއި ގިޔާސުއްދީން ސްކޫލް ހޯލްގައި ހުރި މެޓް ދަނޑުގެ އިތުރުން ޕީކޭ ސަރަަހައްދު ފުޓްސަލް ދަނޑުގައެވެ.

ކޮލިފިކޭޝަނަށް ތައްޔާރުވާން ރަނގަޅު ޕިޗެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންދަން ނުލިބި އޮއްވައި، ފަހު ވަގުތު ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހުނީ ހިރިޔާ ސްކުޅް ހޯލެވެ.