މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް ބަލިކޮށް ސޮކަ މޭޓްސްއިން ކުރިއަށް ޖެހިލައިފިއެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފުގައި ކުޅުނު މި މެޗު ސޮކަ މޭޓްސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ މެޗުން ސޮކަ މޭޓްސް އިން ޕޮލިސް ބަލިކުރީ ވެސް 3-1 އިންނެވެ. މިއަދު ވެސް ހަމަ އެ ނަތީޖާ އިން މޮޅުވިިއިރު، ސޮކަ މޭޓްސް އޮތީ ތާވަލުގެ ދެ ވަނައިގައެވެ. އެއީ އެއް ވަނައިގައި އޮތް ހުޅުމާލެ ވެޓެރަންސް އާއި ދެ ވަނައިގައިގައި އޮތް ސޮކަ މޭޓްސް އަދި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ ހުޅުމާލެ ވެޓެރަންސްގެ ފައިދާ ހަތް ގޯލު އޮތްއިރު، ސޮކަ މޭޓްސްގެ ފައިދާ ހަތަރު ގޯލު އެބައޮތެވެ. އަދި ދަ ގްރާންޑޭގެ އޮތީ ފައިދާ ތިން ގޯލެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ސޮކަ މޭޓްސް އިން ލީޑުނެގީ 18 ވަަނަ މިނިޓްގައި މުހުތާރް ނަސީރު (ޓޫކިލޯ) ޖެހި ލަނޑުންނެވެ. އޭގެ ތިން މިނިޓް ފަހުން އަހުމަދު އަފްރާދު (އަފޭ) ޖެހި ލަނޑުން ސޮކަ މޭޓްސް އިން ލީޑުފުޅާކުރިއިރު، ގްރީން ސްޓްރީޓްސްގެ ފޯވާޑް އިލްޔާސް އިބްރާހިމް (އިއްލެ) ލަނޑެއް ޖަަހައި ދެ ވަނަ ހާފްގައި އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އެކަމަކު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓޫކިލޯ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިވެހި ކުޅިވަރަށް އަބަަދަށްފަހި، ނެސްލޭ ކުންފުނީގެ މައިލޯއެވެ.
މުބާރާތުގައި މާދަމާ ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އީގަލްސް އެވެ.