އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޕްރިލިމިނަރީ ދެވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖޭގެ ކުލަބް ވެލެންސިއާއިން ބަންގްލަދޭޝްއަށް ފުރަން ކުރި މަސައްކަތް މާލީ ދަތިކަމާއެކު ނާކާމިޔާބުވެއްޖެއެވެ.
ވެލެންސިއާއިން ޕްރިލިމިނަރީ ބުރުގެ ދެވަނަ ބުރުން ޖާގަ ހޯދީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މާލޭގައި ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގައި ބޫޓާނުގެ ޕަރޯ އެފްސީ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.
ބަންގްލަދޭޝްގައި އެގައުމުގެ އަބަހާނީ އާއި ދެކޮޅަށް ވެލެންސިއާއިން ކުޅެން ޖެހޭ މެޗު އޮތީ އަންގާރަ ދުވަހުގެރޭއެވެ.
އެ މެޗަށް ބަންގްލަދޭޝްއަށް ދިޔުމަށް ވެލެންސިއާއިން އެންމެ ފުރަތަމަ މަސައްކަތްކުރީ ހޮނިހިރު ދުވަހުގެރެޔެވެ. އެކަމަކު ބައެއް އިންތިޒާމުތައް ހަމަނުޖެހޭތީ ހޮނިހިރު ދުވަހުގެރޭ ވެލެންސިއާއަށް ފުރޭގޮތް ވަނީ ނުވެފައެވެ. އަދި ހޮނިހިރު ދުވަހުގެރޭ ފުރުމަށް ވެލެންސިއާއަށް ޓިކެޓުވެސް ލިބިފައިނުވާ ކަމަށް މައުލޫމާތުލިބެއެވެ.
ދެވަނަ ފުރުސަތަކަށް އާދީއްތަ ދުވަހުގެ މެންދުރު ފަހު ވެލެންސިއާއިން ފުރަން މަސައްކަތްކުރިއިރު، އާދީއްތަ ދުވަހުގެ މެންދުރު ފުރުމަށް ވެލެންސިއާއަށް ޓިކެޓު ވަނީ ލިބިފައެވެ. އެކަމަކު ފުރަން ކުރި މަސައްކަތް ކާމިޔާބުނުވީ މާލީ ގޮތުން ހަމަޖެހިފައި ހުންނަން ޖެހޭ އިތުރު އިންތިޒާމުތައް ހަމަނުޖެހިގެންނެވެ. އަދި މާލީ ގޮތުން ދަތި ހާލަތުގައި އޮތުމުން އިދާރީ ގޮތުން ބަލާއިރު ބިދޭސީ ކުޅުންތެރިންގެ ވިސާގެ ބައެއް ކަންކަން ވެސް ހަމަނުޖެހި ހުރުމުން މެޗަށް ފުރޭގޮތް ވެލެންސިއާއަށް ނުވީއެވެ.
އޭއެގްސީ ކަޕުގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމުގެ ގިނަ ޚަރަދުތައް ހަމަޖައްސަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާ ބެހޭ ވުޒާރާ އަދ ކުޅޭ ކުލަބުތައް ގުޅިގެންނެވެ. އެއީ އޭއެފްސީ ކަޕްގައި ކުޅޭ ކްލަބްތަކުން އޭގެ ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު ކުޅިވަރާ ބެހޭ ވުޒާރާ އަދި އެފްއޭއެމް އަށް ހުށަހެޅުމުންނެވެ.
އޭއެފްސީ ކަޕްގެ ޕްރިމިނަލަރީ ދެވަނަ ބުރުގައި ކުޅެން ވެލެންސިއާގެ ކުޅުންތެރިން ހޮނިހިރު ދުވަހުން ފެށިގެން ތައްޔާރީގައި ތިބިއިރު، އާދީއްތަ ދުވަހު ވަނީ މި މެޗު ކުޅެން ފުރެން ނެތްކަން ކުޅުންތެރިންނަށް އަންގައި ހޯމަ ދުވަހު ފަރިތަކުރުންތަކަށް ނުކުތުމަށް އަންގައިފައެވެ.
ވެލެންސިއާ އަށް އަބަހާނީ މެޗަށް ނުފުރުނުއިރު، ވެލެންސިއާ އަށް މެޗު ކުޅެން ބަންގްލަދޭޝަށް ނުދެވިއްޖަނަމަ މީގެ ގޮތެއް ނިންމާނީ އޭއެފްސީ އިންނެވެ. އެ ހާލަތުގައި ވެލެންސިއާގެ މައްސަލަ އޭއެފްސީ ޑިސިޕްލިނަރީ ކޮމިޓީން ބަލާނެއެވެ.
މިއީ މިފަދަ ގޮތަކަށް މާލީ ދަތިކަމުގެ ސަބަބުން ރާއްޖޭގެ ކުލަބަކަށް އޭއެފްސީ ކަޕުގެ މެޗެއްގައި ބައިވެރިވެވޭ ގޮތް ނުވި ފުރަތަމަ ފަހަރެވެ.