ތަޢުލީމު

އެފް.އީ.ޓީގެ ޑީންއަކަށް ޢާނިމް މުޙައްމަދު އައްޔަންކޮށްފި


ދުނިޔޭގެ އެހެން ޔުނިވަރސިޓީތަކުން ޤަބޫލް ކުރާ ފެންވަރުގެ ޕީ.އެޗް.ޑީ ޕްރޮގްރާމްތަކެއް ކުރިޔަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި، ފެކަލްޓީ އޮފް އިންޖިނިއަރިންގް އެންޑް ޓެކްނޯލޮޖީގައި، ކިޔަވައިދެވޭ ފެންވަރަށް މަސައްކަތް ކުރައްވާނޭ ކަމަށް އެފެކަލްޓީގެ އާ ޑީން ޢާނިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ، ފެކަލްޓީ އޮފް އިންޖިނިއަރިންގް ޓެކްނޯލޮޖީ- އެފް.އީ.ޓީއަށް އައު ޑީން އެއް އައްޔަން ކުރުމަށް މިއަދު ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ، ޢާނިމް މުޙައްމަދެވެ.މަޤާމާއި ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޢާނިމް މުޙައްމަދު ވިދާޅުވީ، އުންމީދަކީ އެފް.އީ.ޓީއަކީ ޒަމާނީ ވަޞީލަތްތަކާއި، އާލާތްތަކާއި އެކު ޒަމާނީ ތަޢުލީމް އުގަންނައިދޭ ފެކަލްޓީއަކަށް ހެއްދެވުންކަމަށެވެ. އަދި މިހާރު ރާއްޖޭގައި ނެތް،އެހެންނަމަވެސް އެފެކަލްޓީއާއި ގުޅުން ހުރި އިތުރު ދާއިރާތަކުން ތަޢުލީމީ ފުރުޞަތު ފަހިކޮށް ބައިނަލް އަޤްވާމީ މިފަދަ ޔުނިވާސިޓީތަކާއި ގުޅުން ބަދަހިކޮށް، އެފް.އީ.ޓީ އަކީ ކުރިޔަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ކަމާއި ގުޅޭ ފަންނީ ދާއިރާތަކުން ޕީ.އެޗް.ޑީ ފެންވަރަށް ކިޔަވައިދެއްވާ ފެކަލްޓީއަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.މިރަސްމިއްޔާތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރ ޑރ،މުޙައްމަދު ލަޠީފް ވިދާޅުވީ، އެ ޔުނިވާސިޓީގެ އަމާޒަކީ ސަނަދުތަކެއް ދީފައި މީހުންތަކެއް މުޖުތަމައަށް ދޫކޮށްލުން ނޫންކަމަށާއި، މައިގަނޑު މަޤްޞަދަކީ ބިނާވެށި ތަރައްޤީ ކުރުން ކަމަށެވެ. އެގޮތުން ޤައުމަށް ބޭނުންވާ މުހިންމު ދާއިރާތައް ދެނެގަނެ، ކަމަށް ޤާބިލް މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކާވީސް ވަނަ ޤަރުނަކީ ޓެކްނޯލޮޖީ ގޮތުން ކުރިއަރާފައިވާ ޒަމާނެއްކަމަށާއި އެހެންކަމުން ޓެކްނޯލޮޖީގެ ފަންނުން މީހުން ބިނާ ކުރުން މުހިންމުކަމަށެވެ.