ޚަބަރު

މިރޭ އިޙްޔާ ފޯރަމްގައި ތަޤުރީރު ކުރައްވާނީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ


މިރޭ އޮންނަ އިޙްޔާ ފޯރަމްގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ތަޤުރީރު ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިރޭ އޮންނަ ފޯރަމްގައި މިނިސްޓަރ ތަޤުރީރް ކުރައްވާނީ "ތިބާ ﷲއާއެކު ވާށެވެ." މިމައުޟޫޢަށެވެ. މިނިސްޓަރު އިމްރާނުގެ އިތުރުން އައްޝައިޚް ޢަބްދުﷲ ރަޝީދުވެސް މިރޭ ތަޤުރީރުކުރައްވާނެކަމަށް އިސްލާމިސް މިނިސްޓްރީން ވިދާޅުވެއެވެ.

މިރޭގެ ދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. އެހެން ރޭތަކެކޭ އެއްގޮތައް މިރޭގެ އިޙްޔާފޯރަމްވެސް ލައިވްކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްތައް މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް ކުރިއަށްގެންދެއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ފޯރަމް ބާއްވާފައިވަނީ ކުޅުދުއްފުށީގައެވެ.

މިއަހަރުގެ ހުރިހާ އިޙްޔާ ފޯރަމްތަކެއް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދިނޭނެއެވެ. މީގެއިތުރުން އަތޮޅުތަކުގެ 4 ރަށަކުން ހުކުރު ނަމާދުތަކާއި، ޢަސުރު ނަމާދަށްފަހު ބާއްވާ ދީނީ ނަސޭޙަތްދިނުންވެސް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސް ދެއެވެ.

އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތުން ގެނެސްދޭނީ އައްޑޫ ސިޓީންނެވެ. އެއަށްފަހު ގދ.ތިނަދޫ، އަދި އޭގެފަހުން ހުކުރު ނަމާދާއި އިޙްޔާ ފޯރަމް އުނގޫފާރު އިސްލާމީ މަރުކަޒުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ އިޙްޔާ ފޯރަމްތަކުގެތެރެއިން 15 އޭޕްރީލްގައި އައްޑޫ ސިޓީގައި އަދި 22 އޭޕްރީލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ.އުނގޫފާރުގައި މި ފޯރަމް ކުރިއަށް ގެންދާނެއެވެ.