ކުޅިވަރު

ސައުތެމްޓަން އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސައުތެމްޓަން އަތުން ފަސޭހަކަމާއެކު ޗެލްސީ މޮޅުވެއްޖެއެވެ.

ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗް ޗެލްސީން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ސައުތެމްޓަންއަށް ޗެލްސީގެ ހަމަލާޔައް ހުއްޓުވުމުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ. އެންމެފަހުން ކުޅުނު ދެ މެޗްގައިވެސް ބަލިވެފައިވާ ޗެލްސީއިން މިމެޗް ފެށީ ވަރަށް ފޯރީގައެވެ. އެގޮތުން މެޗްގެ 8 ވަނަ މިނެޓްގައި ޗެލްސީއިން ވަނީ ލިޑު ނަގަފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މާކޮސް އަލޮންސޯއެވެ.

އެ ޓީމްގެ ދެވަނަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. އަދި ތިންވަނަ ލަނޑު އޭގެ ފަސް މިނެޓް ފަހުން ޓީމޯ ވާނާ ކާމިޔާބުކޮށްދިންއިރު، މެޗްގެ 31 ވަނަ މިނެޓްގައި ޗެލްސީގެ ހަތަރު ވަނަ ލަނޑު ޖަހާދިނީ ކައި ހަވާޓްޒްއެވެ. މި ހަތަރު ލަނޑުގެ އިތުރުން ފުރަތަމަ ހާފްގައި ވާނާ ފޮނުވާލި ތިން ހަމަލާއެއްވަނީ ސައުތެމްޓަންގެ ގޯލް ދަނޑިއަށް އަމާޒުވެފައެވެ. މިމެޗްގައި ޗެލްސީގެ ފަސްވަނަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ވާނާ ކާމިޔާބުކޮށްދިންއިރު، ފަހު ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ މައުންޓެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު އުޅެނީ ކުޅުނު 30 މިމެޗުން ލިބިފައިވާ 62 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ސައުތެމްޓަން އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.