ކުޅިވަރު

ރެއާލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި


ސްޕެނިޝް ލީގުގައި ގެޓަފޭ ބަލިކޮށް ރެއާލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ގެޓަފޭ އާއި ދެކޮޅަށް ރެއާލުން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ރެއާލުން ވަނީ ގެޓަފޭގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކަސެމީރޯއެވެ. މިއީ ވިނީޝީއުސް ޖޫނިއާގެ އެހީތެރިކަމާއެކު ކަސެމީރޯ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގައި ރެެއާލްގެ ތަރި ކަރިމް ބެންޒެމާ ހުއްޓުވުމުގައި ގެޓަފޭގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ރެއާލުގެ ދެވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުަގައި އެޓީމަށް ޖަހައިދިނީ ލޫކަސް ވަޒްކޭޒްއެވެ. މިއީ ރޮޑްރީގޯގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހުވެސް ރެއާލަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ގަރެތު ބޭލް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގެޓަފޭގެ ކީޕަރު ޑޭވިސް ސޮރިއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ރެއާލުން ތާވަލުގެ އެއްވަނައިގައި އޮތީ 12 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. އެ ޓީމަށް 31 މެޗުން 72 ޕޮއިންޓް ވަނީ ލިބިފައެވެ. ދެވަނައިގައި އޮތް ސެވިއްޔާއަށް 31 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި ބާސާ އޮތީ ދެ މެޗު މަދުން ކުޅެ 57 ޕޮއިންޓާއެކުގައެވެ.