ކުޅިވަރު

އޭއާރްސީ އާއި ދިވެހި ސިފައިންގެ ކުލަބަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި ކުޅުނު މެޗުތައް އޭއާރުސީ އަދި ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗު މެރީކޯނާ އާއި ބައްދަލުކޮށް 6 ލަނޑުން ކާމިޔާބުކުރީ އޭއާރުސީގެ ޓީމެވެ. ޓޮސް ދިމާވުމުން އޭއާރުސީ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 128 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޒަކަރިއްޔާ އަބްދުލް ލަތީފް އާއި ހުސެން އިބްރާހިމެވެ. މި ދެކުޅުންތެރިން ވަނީ 29 ލަނޑު ހަދައިފައެވެ. ޖަވާބުގައި މެރީ ކޯނާ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 102 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި މުހަންމަދު ހައިކަލް އާއި 18 ލަނޑުހެދި މުހަންމަދު އަޒްލީއެވެ.

ހޮނިހިރު ދުވަހު ކުޅުނު ދެވަނަ މެޗު ގަލޮޅު ކަންމަތި ބަނަފްސާއާއި ބައްދަލުކޮށް 32 ލަނޑުން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބްއެވެ. ދިވެހި ސިފައިންގެ ކްލަބް ކުޅެންއަރާ 8 އޯވަރު 135 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑުހެދި އަލީ ނާޝިދު އާއި 31 ލަނޑުހެދި އަހުމަދު ހަސަންއެވެ. ގަލޮޅު ކަންމަތި ބަނަފްސާ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދުނީ 103 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި އިސްމާއިލް އަނިލް އާއިި 23 ލަނޑު ހެދި އަލީ ސަރީފެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގެ މެޗުތައް އާދީއްތަ ދުވަހުވެސް ކުޅޭނެއެވެ. އާދީއްތަ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައިބީއެސް އާއި ސުގާ ކޯން އެވެ. އަދި އާދީއްތަ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސަންކުއިކް ލިލީ އާއި މީޓިއޯސްއެވެ.