ޚަބަރު

ޗައިލްޑް ޕްރޮޑިޖީ އެވޯޑް، އެންމެ 4 އަހަރުގެ މަކީނާ ނައުޝީނަށް


ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ 100 ކުދިންނަށް ދޭ ޗައިލްޑް ޕްރޮޑިޖީ އެވޯޑް، ޢުމުރުން އެންމެ 4 އަހަރުގެ ދިވެހި ދަރިވަރު މަކީނާ ނައުޝީން ޢަލީ ޙާސިލްކޮށްފިއެވެ.

މި މަހުގެ 9ވަނަ ދުވަހު އިންޑިއާގެ ޗަންދީގަރުގައި ބޭއްވި ހަފްލާއެއްގައި ނައުޝީނަށް މި އެވޯޑް ދީފައިވަނީ ދަ ޗައިލްޑް ޕްރޮޑިޖީ އިންނެވެ. މިހަފްލާގައި ނައުޝީން ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ.

ޗައިލްޑް ޕްރޮޑިޖީއިން ނައުޝީނަށް ދީފައިވާ އެވޯޑްގެ ޓައިޓްލްއަކީ "ދި އިންސްޕިރޭޝަނަލް ރީޑަރ / ބިބްލިއޯފައިލް"އެވެ. ފަސް ކުއްޖަކަށް ދަ ޗައިލްޑް ޕްރޮޑިޖީ އިން ނޮމިނޭޓްކޮށް މިއެވޯޑު ދީފައިވާ އިރު، މިފަސްކުދިންގެ ތެރޭގައި ނައުޝީން ހިމެނެއެވެ. މި 5 ކުދިން ހިމެނޭ ޤައުމުތަކަކީ ދުބާއީ، މެލޭޝިޔާ ދިވެހިރާއްޖެ އަދި އިންޑިޔާއެވެ.

ނައުޝީން އަށް މިއެވޯޑު ދީފައިވަނީ އާދަޔާޚިލާފަށް ހުނަރުވެރި ފޮތް ކިޔުންތެރިއަކަށް ވުމުންނެވެ. އުމުރުން އެންމެ 15 މަހުގައި ގިނަ ޢަދަދެއްގެ ބަސްތައް އަދި އަކުރުތަށް ފޯނިކްސް މެތަޑަށް ނުވަތަ އަކުރުތަކުގެ އަޑުބޭނުންކޮށްގެން ނައުޝީން ވަނީ ކިޔަންދަސްކޮށްފައެވެ. އަދި މިއުމުރުގައި އާދަޔާ ޚިލާފަށް ގިނަ ފޮތް ކިޔުމުގެ ކުޅަދާނަކަން ލިބިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި ޤުރުއާންގެ ގިނަ ސޫރަތްތައް ވަރަށް ކުޑައިރު ދަސްކޮށް އިގިރޭސި ލަފުޒެއް ބުނުމުން އެބަހުގެ ސްޕެލިންގް ބުނުމުގެ ކުޅަދާނަކަންވެސް ނައުޝީންގެ ކިބައިން ފާހަގަކޮށްފައިވެއެވެ. އަދި ދިވެހި ބަހާއި އިނގިރޭސިބަހުން ފޮތްކިޔަން ފަރިތަ ނައުޝީންގެ ހުނަރުތަށް ފާހަގަކޮށް ދަ ޗައިލްޑް ޕްރޮޑިޖީން ނައުޝީންއަށް މި މިއެވޯޑު ދޭން ނިންމީއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ނައުޝީންގެ މަންމަ ދިމްނާ ފާކިރު ބުނީ ނައުޝީންގެ އުމުރުން ވަރަށް ކުޑައިރު އަކުރުތައް ދެކެ ވަރަށް ލޯބިވާކަން ފާހަގަކުރެވުނު ކަމަށެވެ. ސްކޫލްގެ މުދައްރިސުންވެސް ފާހަގަކުރާ އެއްކަމަކީ ލިބޭ ހުސްވަގުތުތަކުގައި އަބަދުވެސް ނައުޝީން ކޮންމެސް ފޮތެއް ކިޔުމުގައި ހޭދަކުރާކަންކަމުގައި ދިމްނާ ބުންޏެވެ. އަދި ނައުޝީންގެ މަންމަގެ ހައިސިއްޔަތުން އޭނާ އެންމެ ބޭނުންވަނީ ނައުޝީންއަކީ އެހެންކުދިންނަށް ނަމޫނާއަކަށް ވުންކަމުގައި ދިމްނާ ބުންޏެވެ. މީގެ އިތުރުން ނައުޝީން އެންމެ ކުރާ ހިތްވާ ކަމަކުން ކުރިއަށް ދާތީ އެކަމާ ވަރަށް އުފާ ކުރާކަމަށް އޭނާ ފާހަގަކުރިއެވެ.

ޗައިލްޑް ޕްރޮޑިޖީއިން މިހަފްލާގައި ދިވެރިރާއްޖޭގެ ޤައުމީސަލާމާއި އިންޑިޔާގެ ޤައުމީސަލާމް ކިޔަން ނައުޝީނަށްފުރުސަތު ލިބުމުން ނައުޝީން ވަނީ އެކަންވެސް ފުރިހަމަކޮށްފައެވެ.

މި ހަފްލާގައި ޗައިލްޑް ޕްރޮޑިޖީންވަނީ މެގަޒިނެއްވެސް ލޯންޗް ކޮށްފައެވެ. މި މެގަޒިންގައި މިފަހަރު ޗައިލްޑް ޕްރޮޑިޖީ ލިބުނު 100 ކުދިންގެ ޕްރޮފައިލްވަނީ ހިމަނާފައެވެ. މި މެގަޒިންގެ ކަވަރޕޭޖަށް އިންޑިއާގެ މަޝްހޫރު ގޫގުލް ބޯއީއާއިއެކު ދިވެހިރާއްޖެއިން ނައުޝީންގެ ފޮޓޯވެސް ހިމެނެއެވެ.