ޚަބަރު

އުރުދުންގެ ޢަބްދުﷲ ރަސްގެފާނު ފަރުވާއަށް ޖަރުމަންވިލާތަށް


މައިބަދައިގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ބިން ޙުސައިން ޖަރުމަންވިލާތަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.

ޢުމުރުފުޅުން 60 އަހަރުގެ ޢަބްދުﷲ ރަސްގެފާނު ވަޑައިގެންނެވުމަށް ނިންމާފައިވަނީ ޖަރުމަންވިލާތުގެ ފުރެންކްފާޓުގައި ހުންނަ ހަސްފަތާލަކަށެވެ. އަދި ފަރުވާއަށް ޖަރުމަންވިލާތުގައި ޢަބްދުﷲ ރަސްގެފާނު ހަފުތާއެއްހާ ދުވަހު ހުންނަވާނެކަމަށް ބެލެއެވެ.

ހާޝިމީ ދަރިފަސްކޮޅަށް ނިޞްބަތްވެވަޑައިގަންނަވައި ޢަބްދުﷲ ރަސްގެފާނު އުރުދުންގެ ރަސްކަމާ ޙަވާލުވެވަޑައިގެންފައިވަނީ 1999ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.