ރޯދަމަހާއި ދިމާކޮށް ލިޔުންތެރިޔަ އަޙްމަދު ޝިޔާމްގެ "ތިރީސް ކުރުވާހަކަ" ނެރެފިއެވެ. މިފޮތް މިހާރު ބުކްޝޮޕްތަކުން ޢާއްމުކޮށް ގަންނަން ލިބެން އެބަހުއްޓެވެ. ރަސްމީކޮށް މިފޮތް ނެރެފައިވަނީ މާރޗް މަހުގެ 30ވަނަ ދުވަހުއެވެ.
އެއްފޮތަކަށް އެއްކޮށްލައިފައިވާ ޝިޔާމްގެ މި ކުރުވާހަކަތަކަކީ މިދިޔަ އަހަރުގެ ރޯދަމަހު، ދުވަހު ނޫހެއްގައި ޝާޢިއުކޮށްފައިވާ ވާހަކަތަކެކެވެ. ނަމަވެސް މިއަހަރުގެ ރޯދަމަހާ ދިމާކޮށް ޝިޔާމް ގަސްތުކުރެއްވީ އެހުރިހާ ވާހަކަތަކެއް އެއް ފޮތެއްގެ ސިފައިގައި އަލުން ނެރުމަށެވެ.
"މިއަހަރުގެ ރޯދަމަހަށް ހިތައްއެރީ ފޮތެއްގެ ސިފައިގައި މި ވާހަކަތައް ނެރޭނީއޭ. އޭރަށް ގިނަ މީހުންނަށް ފަހުންވެސް ކިޔާލަން ލިބޭނެ. އެހެންވީމަ މި 30 ވާހަކަ ރޯދަމަހަށް ޚާއްސަކޮށްގެން ކޮންމެ ދުވަހަކަށް ވާހަކައެއްގެ ގޮތުގައި އަޅުގަނޑު މި ނެރުނީ" ޝިޔާމް ވިދާޅުވިއެވެ.
މި ފޮތުގައިވާ ވާހަކަތަށް ބިނާވެގެންވަނީ ރާއްޖޭގެ އިޖުތިމާއީ އެކި ކަންކަމުގެ މައްޗަށެވެ. އަދި މި ފޮތުގައި ދިވެހިންގެ ދިރިއުޅުމާއި ގުޅުންތައް ހުރިގޮތުގެ ތަފާތު ކަންތައްތައް ސިފަކޮށްފައިވެއެވެ. އެގޮތުން ގެވެށި އަނިޔާ ތަހައްމަލު ކުރާ މީހުންގެ ހާލަތާއި، ރަށްރަށުން މާލެއައިސް މީހުން އުޅޭ ދަތި ދިރިއުޅުމާއި، ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ މީހުންގެ ވާހަކައިގެ އިތުރުން ލޯބީގެ ބައެއް ހަގިގީ ހާދިސާތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މިފޮތުގެ އެންމެ ޚާއްސަ އެއްކަމަކީ ޝިޔާމްގެ ޒުވާން ދުވަސްވަރު ދިމާވެފައިވާ އެކިއެކި ކަންކަމުގެ ހަގީގީ ވާހަކަތައް މިފޮތުގައި އެކުލެވިގެން ވުމެވެ. އަދި ޝިޔާމްގެ ގާތް ރަހުމަތްތެރިންނަށް ދިމާވެފައިވާ ބައެއް ކަންކަމުގެ ވާހަކަތަކާއި ޚިޔާލީ ބައެއް ވާހަކަތައްވެސް މި ފޮތުގައި ހިމެނެއެވެ.
"ތިރީސް ކުރުވާހަކަ"، މިފޮތުގައި ހިމެނޭ ކޮންމެ ވާހަކައަކަށް ދެވިފައިވާ ނަންތަކަކީ ވެސް ދިވެހިވަންތަ ނަންތަކެކެވެ. މި ނަންތަކަކީ ދިވެހިންނާ ދިވެހިންގެ ދިރިއުޅުމާ ގުޅުން ހުރި ނަންތަކެކެވެ.
ޝިޔާމް ވިދާޅުވީ އެންމެ ފުރަތަމަ މި ކުރުވާހަކަތައް ފޮތެއްގެ ސިފާގައި ނެރުމަށް ޚިޔާލަށް އައީ އޭނާ އެންމެ ފުރަތަމަ ނެރުނު ވާހަކަ ފޮތަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާއި ގުޅިގެންކަމަށެވެ. އެގޮތުން މިފަހަރު މިނެރުނު "ތިރީސް ކުރުވާހަކަ"އަށް ވެސް ކިޔުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް އުންމީދުކުރެވޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ފޮތް ނެރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ވާހަކަ ކިޔާ މީހުން މަދުވުމުގެ ސަބަބުން އެ ވިއްކުމުގައި ދިމާވާ ތަފާތު ދަތިތައް ކަމަށެވެ.
"ފޮތް ވިއްކުމުގެ އިތުރުން ލިޔާ މީހާ މިޖެހެނީ އެ ޗާޕުކުރަން. ލިޔާމީހާ އެ ވިއްކަން އުޅެން. އަދި އިސްތިހާރު ކުރާނީވެސް ހަމަ ލިޔާ މީހާ. އެކަމު ދުނިޔޭގެ އެހެނިހެން ތަންތާ މިވާގޮތަކީ ލިޔާ މީހާއެއްނޫން ޕަބްލިޝް ކުރާނީ އެކަމަށް ޚާއްސަ ޕަބްލިޝަރުން. އެހެންވީމަ ރާއްޖޭގަވެސް ލިޔާ މީހާގެ އިތުރުން ޕަބްލިޝަރުން އުފެދިއްޖެނަމަ ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ " ޝިޔާމް ވިދާޅުވިއެވެ.
ލިޔުންތެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ޝިޔާމް ވިދާޅުވީ، ލިޔުންތެރިކަމަކީވެސް އޭގެ ޒާތުގައި ތަފާތު ފަންނެއްކަމަށެވެ. އެއީ ވާހަކަ ލިޔުނު ކަމުގައިވީނަމަވެސް ނުވަތަ ޚަބަރު ލިޔުނު ކަމުގައިވީނަމަވެސް އެކަމަކުން ކުރިއަރައިދާނީ އެ ގިނައިން ލިޔުނުވަރަކަށްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ކޮންމެ ލިޔުމެއް ލިޔާނަމަވެސް ރަނގަޅަށް ދިރާސާކޮށް ތާރީޚު ބާޔާން ކުރުމުގައި، ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އެއް ކަންތައްކަމުގައި ޝިޔާމް ފާހަގަކުރެއްވިއެވެ. ވާހަކަ ލިޔުމުގައި، ޚިޔާލީ ވާހަކަ އެއް ލިޔާއިރުވެސް އެއީ މީހުންނަށް ޤަބޫލުކުރެވޭ ފަދަ އޮނިގަނޑެއް އޮންނަ ވާހަކައަކަށް ވާން ޖެހޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
" ލިޔެފަ އެހެން މީހަކަށް ދައްކާލީމަ އެމީހުން ބަލާފަ ރަނގަޅުކޮށްލީމަ ދެން އެ ނެރުނީމަ ފާޑުކިޔުން ވަރަށް ކުޑަވާނެ. އެއީ އަޅުގަނޑުގެ ތަޖުރިބާއަކީ. އަޅުގަނޑު ލިޔާ ލިޔުމަކީ އެންމެ މޮޅު ލިޔުންކަމުގައި ދެކެންޏާ ދުވަހަކުވެސް އެކަމެއް ރަނގަޅެއް ނުކުރެވޭނެ " ޝިޔާމް ވިދާޅުވިއެވެ.
އަޙްމަދު ޝިޔާމް ލިޔުންތެރިކަމުގެ ތެރެއަށް ވަނީ މީގެ 35 އަހަރު ކުރިންނެވެ. އެއީ 1980 ގެ މެދުތެރޭގެ އަހަރު ތަކުގައެވެ. އެގޮތުން އެންމެ ފުރަތަމަ ނޫސްތަކަށް ލިޔަން ފެށިއެވެ. ލިއުންތެރިކަމުގެ އޮންލައިނާއި، "ހަވީރު" ނޫހާއި، "އާފަތިސް" އަދި "ފުރަދާނަ" ނޫހަށް ލިޔުމުގެ އިތުރުން ފިޔެސް މަޖައްލާގެ އެޑިޓަރުކަމާއި މަސްއޫލުވެރިކަން ކުރިއެވެ.
ޝިޔާމް ލިޔުނު އެންމެ ފުރަތަމަ ވާހަކަފޮތަކީ "އިބްރާހީމްގެ ހުވަފެން"އެވެ. މި ވާހަކައަކީވެސް ކިޔުންތެރިންގެ ތެރޭގައި މަޤުބޫލު ވާހަކައެކެވެ. މީގެ އިތުރުންވެސް ސިނަމާލެ ބްރިޖާ ބެހޭގޮތުން މިހާތަނަށް ލިޔެވުނު ހަމައެކަނި ފޮތުގެ އެއް މުސައްނިފަކީވެސް ޝިޔާމެވެ. އަދި އެމްޓީސީސީގެ ކާމިޔާބު 40 އަހަރުގެ ފޮތް ލިޔެފައިވަނީވެސް ޝިޔާމެވެ.