ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރު މަޤާމުން ދުރުކުރުމަށް ވޯޓު ތާވަލްކޮށްފައިވަނިކޮށް ކުއްލި ގޮތަކަށް މަޖިލީސް މެދުކަނޑާލައިފި


ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވެރިކަމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ތާވަލުކޮށްފައިވަނިކޮށް ކުއްލި ގޮތަކަށް އެ މަޖިލީސް ފަސްކޮށްފިއެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރު މަޖިލީހަށް ހުށަހެޅުމަށްފަހު ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަސަދް ޤައިސަރް ވަނީ ކުއްލި ގޮތަކަށް މަޖިލީހުގެ ބައްދަލުވުން މެދުކަނޑާލާފައެވެ. މެދުކަނޑާލި ސަބަބެއް ހާމަ ނުކުރައްވާ ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ އެ ބައްދަލުވުން ދެން ފަށާނީ ޖީއެމްޓީ ގަޑިން 0730ގައި ކަމަށެވެ.

ޚާންގެ ޕާޓީގެ މެމްބަރުން ލަފާދީފައިވަނީ ވީހާވެސް ބޮޑަށް ވޯޓު ފަސްކުރުމަށް މަސައްކަތް ކުރުމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ވޯޓު އަވަހަށް ނެގުމަށެވެ.

220 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ ޕާކިސްތާނުގެ ސިޔާސީ އަދި އިޤްތިސާދީ ހަމަޖެހުމަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި، ޚާންގެ ބަދަލުގައި އެހެން މީހަކު ގެނައުމަށް ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް "ޖިހާދު" ކުރާނެ ކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

ޚާން މަގާމުން ދުރުކޮށްފިނަމަ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފް ވަނީ މަޖިލީހުގައި ތަޤްރީރު ކުރައްވައި، އެންމެ އިސްކަމެއްދީގެން ވޯޓުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޤައިސަރަށް އިލްތިމާސް ކުރައްވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ކޯޓު އަމުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރައްވާނެ ކަމަށެވެ.

އުމުރުން 69 އަހަރުގެ ޚާން، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ އަސްކަރިއްޔާގެ ތާއީދާއެކު ނަމަވެސް، ފަހަކަށް އައިސް އޭނާގެ ކޯލިޝަން ސަރުކާރު ވަކިވެ، މަޖިލީހުގެ އަޣުލަބިއްޔަތު ޚާންއަށް ވަނީ ގެއްލިފައެވެ. އިދިކޮޅު ޕާޓީތަކުން ބުނަނީ ކޮވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ އިޤަތިސާދެއް އަލުން ދިރުވުމަށް ނުވަތަ ޕާކިސްތާނަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ، ފުދުންތެރި ޤައުމަކަށް ބަދަލުކޮށް، ދުނިޔޭގެ މައިދާނުގައި އިޙްތިރާމް ލިބޭ ޤައުމަކަށް ހެދުމަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ޚާން ފެއިލްވެފައިވާ ކަމަށެވެ.

މި ހަލަބޮލިކަން އިތުރުވުމާއެކު، ޕާކިސްތާނުގެ ރުޕީސްގެ އަގު ވަނީ މީގެ ކުރިން ނުދާ ވަރަށް ދަށަށް ގޮސްފައެވެ. އަދި ފޮރިން އެކްސްޗޭންޖް ރިޒާވްއަށްވެސް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. މަރުކަޒީ ބޭންކުން ބެންޗްމާކް އިންޓްރެސްޓް ރޭޓް %2.5 އުފުލިއިރު މިއީ 1996 ވަނަ އަހަރުގެ ފަހުން އިންޓްރެސްޓް އެންމެ މައްޗަށް އުފުލުނު ފަހަރެވެ.