ސިޔާސީ

ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގަންނަވާނީ 30 ދުވަހަށް- އުމަރު


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ހުއްދަ ދެއްވީި 30 ދުވަހުގެ މުއްދަތަކަށްކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.މިނިސްޓަރ އުމަރު ވިދާޅުވީ، ނަޝީދުގެ އާއިލާގެ އެދިވަޑައިގަތުމުގެ މަތިން މިރޭގެ ވަގުތެއްގައި ރައީސް ނަޝީދު ބޭސްފަރުވާއަށް ފުރުވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެކަމަށް ބޭނުންވާ ލިޔެކިޔުމުގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަމަށްެވެސް މިނިސްޓަރ ވިދާޅުވިއެވެ.ރައީސް ނަޝީދަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވިކަން  ސަރުކާރުން ހާމަކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގެންފައިވަނީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށެވެ. އެެހެންމަވެސް ކަރެކްޝަނަލް ސާރވިސަސް އިން ކުރިން ވިދާޅުވެފައިވަނި ނަޝީދު އެދިވަޑައިގެންނެވި، އޮޕަރޭޝަން ރާއްޖެއިން ކުރެވޭތީ ބަންދުގައި ތިބޭ މީހުންގެ ޤަވައިދުތައް ބުނާގޮތުން ނަޝީދު ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދެވެން ނެތްކަމަށެވެ. ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނަޝީދަށް ދެއްވީ އެއްވެސް ޤައުމެއްގެ ޕްރެޝަރެއްގައި ނޫންކަމަށާ، އެގޮތަށް ނިންމެވީ ޖަލުގައި ޙުކުމް ތަންފީޒްކުރާ މީހުންގެ ޞިއްހީ ޙާލަތަށް ބައްލަވާ އުސޫލުން ނަޝީދުގެ ޞިއްހީ ހާލުކޮޅަށް ބެއްލެވުމަށްފަހުކަމަށެވެ.  އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރ (ކރޑ) މުޙައްމަދު ނާޒިމަށާއި، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމަށްވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަދެއްވާފައިވަނީ އެގޮތުގެ މަތިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މިނިސްޓަރ ވިދާޅުވީ ކުރީގެ ރައީސުންނަކީ ޚާާއްސަ އިނާޔަތްތަކެއް ލިބިވަޑައިގަންނަވާ ބޭފުޅުންކަމަށްވެފައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގެންފިނަމަ އެ ފުރުޞަތު ފަހިކޮށްދެއްވަން ޖެހިވަޑައިގަންނަވާކަމަށް ބަންޑާރަ ނާއިބު މުޙައްމަދު އަނިލް ލަފާދެއްވާފައިވާކަމަށެވެ.ދިވެހި ޚާރިޖިއްޔާއިން އިއްޔެ ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް، ބޭސް ފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދެއްވާފައިވަނީ ސާރޖަރީއެއް ހެއްދެވުމަށްޓަކައިކަމަށެވެ. ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޙުކުމް ތަންފީޒުކުރައްވަން ފެއްޓެވިފަހުން އެކި ފަހަރު މަތިން އެމަނިކުފާނު މާލެ ގެނެސް ޑޮކްޓަރަށް ދައްކަވާ ފަރުވާ ހޯއްދަވާފައިވެއެވެ.