ވިޔަފާރި

ޤައުމީ ޝިޕިންގ ކުންފުނީގެ ބޯޓުތަކުގައި މިދިޔަމަހު އެތެރެކުރި މުދަލުގެ މިންވަރު 56 އިންސައްތަ އިތުރު


ޤައުމީ ޝިޕިންގ ކުންފުނި، އެމްއެސްއެސްގެ ބޯޓުތަކުގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު މިދިޔަމަހު 56 އިންސައްތައަށް އިތުރުވެފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެމްއެސްއެސްގެ ބޯޓުތަކުގައި ރާއްޖެއަށް އެކި ބާވަތްތަކުގެ މުދާ އެތެރެކުރެއެވެ. އެގޮތުން ކާބޯތަކެތީގެ ބާވަތްތަކާއި ފަރުނީޗަރު ފަދަ ސާމާނު ހިމެނޭ ކަމަށް އެކުންފުނިން ހާމަކުރެެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވީ މިއަހަރުގެ ފެބްރުއަރީމަހާ އަޅާ ބަލާއިރު އެކުންފުނީގެ ބޯޓުތަކުގައި ރާއްޖެއަށް މުދާ ގެނެސްފައިވާ މިންވަރު 56 އިންސައްތަ އިތުރުވެފައިވާކަމަށެވެ. އަދި ޑިމާންޑު ބޮޑުވުމާއި ގުޅިގެން އެމްއެސްއެސްގެ އަމިއްލަ ބޯޓު، އެމްއެސްއެސް ގެލީނާގެ އިތުރުން އިންޑިއާ ޝިޕިންގ ކޯރޕަރޭޝަންގެ އެމްސީޕީ ލިންސްވެސް ދަތުރުތަކުގައި ބޭނުން ކުރަމުން ދާ ކަމަށް ސައީދު ވިދާޅުވިއެވެ.

"އެއީ ރޯދައާއި ގުޅިގެން އައި ބަދަލު، އަޅުގަނޑުމެންގެ ޖޮބްއަކީ، އަޅުގަނޑުމެންގެ ވާޖިބަކީ ވިޔަފާރިވެރިންނަށް ދަތި ނުވެ ޖާގަ ހޯދައިދިނުމާއި، ލަސްނުވެ މުދާ ގެނައުން ކަމުގައިވާތީ އެގޮތަށް، އެވަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން މިދަނީ، އެގޮތަށް އަމިއްލަ ބޯޓުން ނުވެގެން އިތުރު ބޯޓު ބޭނުންކޮށްގެން މި ހަމަޖައްސަނީ" ސައީދު ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެތެރޭ ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ކޯވިޑުގެ ތެރޭގައި މަސައްކަތް ފެށި އެމްއެސްއެސްއިން ވަނީ، ގިނަ ގޮންޖެހުންތަކާއި އެކުވެސް މިވީ ކުރު މުއްދަތުގެތެރޭގައި ފައިދާވާ ކުންފުންޏަކަށް ބަދަލުވެފައެވެ. އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވީ ކުންފުނީގެ ވިސްނުން ހުރީ ފްލީޓު އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ. އެގޮތުން މިއަހަރުތެރޭ އިތުރު 2 ބޯޓު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.