އިންސާނުންގެ ދުޅަހެޔޮކަން ގުޅިފައިވަނީ ވަށައިގެންވާ މާހައުލުގެ ރައްކާތެރިކަމާކަން ފާހަގަކުރައްވައި ޢާއްމު ސިއްޙަތަށްޓަކައި ތިމާށި ރައްކާތެރިކުރުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުއްﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިހެން ގޮވާލެއްވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ޝާހިދު ވިދާޅުވީ ދުނިޔޭގެ ތިމާވެއްޓަށް ދިމާވާ ކޮންމެ މައްސަލައަކީ އޭގެ ޒާތުގައި އިންސާނުންނަށްވެސް އޭގެން އަސަރު ކުރާނެ ކަމެއްކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، ވައިފެން ނުސާފުވުން ފަދަ ކަންކަމުގެ ސަބަބުން އިންސާނުންނަށް ފުރަމޭގެ ބަލިތައް ފަދަ ސީރިއަސް މައްސަލަތަކާއި ކުރިމަތިލާންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.
އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީވެސް، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައްކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރު، "އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ސިއްހަތު" މިޝިޢާރުގެ ދަށުން ޝާހިދު ވިދާޅުވީ ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން އެންމެން މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައެވެ. އެގޮތުން ސިއްޙަތަށް ގެއްލުން ނުވާފަދަ ގޮތަށް ތިމާވެއްޓާ ރައްޓެހި ވެއްޓެއް ބިނާކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.
ދުނިޔޭގެ މިއަހަރުގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުއްﷲ ޝާހިދުގެ ތަހުނިޔާގެ މެސެޖަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ވަނީ ޝާހިދަށް ޝުކުރު އަދާކުރައްވާފައެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރިޗް މަހުގެ 7ވަނަ ދުވަހެވެ.