ރަމަޟާން މަހުގެ އިޙްޔާ ފޯރަމް ބާއްވަން ފެށިފަހުން މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެއެވެ.
ކުޅުދުއްފުށީގެ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މިރޭ 21:30އިން 22:30އަށް ގެންދާ މި ފޯރަމްގައި ތަޤުރީރުކުރައްވާނީ ޑރ.ސަޢުދުﷲ ޢަލީ އަދި އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިނެވެ. މިބޭފުޅުން ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ މައުޟޫއުއަކީ "ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން" މި މައުޟޫއެވެ. މިރޭގެ ފޯރަމް ޕީއެސްއެމްގެ މުންނާރު ޗެނަލުން ވަގުތުން ދުރަށް ދައްކާނެއެވެ.
މިއަހަރުގެ ހުރިހާ އިޙްޔާ ފޯރަމްތަކެއް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދިނޭނެއެވެ. މީގެއިތުރުން އަތޮޅުތަކުގެ 4 ރަށަކުން ހުކުރު ނަމާދުތަކާއި، ޢަސުރު ނަމާދަށްފަހު ބާއްވާ ދީނީ ނަސޭޙަތްދިނުންވެސް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ގެނެސްދޭ މި ލައިވްތަކުގެ ތެރެއިން މިއަދު ޕީއެސްއެމް ނިއުސްއިން ވަނީ ހދ.ކުޅުދުއްފުށީ މަސްޖިދުލް ޙަޟާރާގައި ކުރި ހުކުރުނަމާދު ވަގުތުން ގެެނެސްދީފައެވެ. އަދި އެ މިސްކިތުގައި މިއަދުގެ އަސުރު ނަމާދަށްފަހު ކުރިއަށްގެންދިޔަ ދީނީ ނަސޭޙަތްދިނުން، ޕީއެސްއެމްގެ މުންނާރު ޗެނަލުން ވަނީ ވަގުތުން ގެނެސްދީފައެވެ.
އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތުން ގެނެސްދޭނީ އައްޑޫ ސިޓީންނެވެ. އެއަށްފަހު ގދ.ތިނަދޫ، އަދި އޭގެފަހުން ހުކުރު ނަމާދާއި އިޙްޔާ ފޯރަމް އުނގޫފާރު އިސްލާމީ މަރުކަޒުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ހުކުރު ދުވަހެއްގެރޭ އަތޮޅުތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން މިރޭ މިފޯރަމް އޮންނާނީ ކުޅުދުއްފުށީ ސިޓީގައެވެ. 15 އޭޕްރީލްގައި އައްޑޫ ސިޓީގައި އަދި 22 އޭޕްރީލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ.އުނގޫފާރުގައި މި ފޯރަމް ކުރިއަށް ގެންދާނެއެވެ.
އާދިއްތައާއި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައެވެ. މިއީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޖަލްސާތައް ބާއްވަންފެށިފަހުން، މާލެ ސިޓީ ފިޔަވައި އެހެން ތަނެއްކައި މިފަދަ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.