ޔުއޭފާ ޔޫރޮޕާ ލީގުގެ ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި އެއިންޓްރެކްޓް ފްރޭންކްފަރޓް އާއި ބާސެލޯނާ ބައްދަލުކުރި މެޗް އެއްވަރުވެއްޖެއެވެ. ފްރޭންކްފަރޓްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 އިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ބާސެލޯނާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލަ އުފައްދާފައިވަނީ ފްރެންކްފަރޓްއިންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓުގައި ޖަހައި ލީޑު ނެގީ ފްރޭންކްފަރޓްއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަންސްގާ ކްނައުފްއެވެ.
މި ލަނޑާއެކު މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން ފުރަތަމަ ފަހަރަށް މެޗަކުން ބާސާ ބަލިވެދާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، ބާސާއިންވަނީ މެޗްގެ 66 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތިޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފެރާން ޓޯރޭޒްއެވެ. މި މެޗްގެ 78 ވަނަ މިނެޓްގައި ދެވަނަ ރީނޑޫ ކާޑަކާއެކު ފްރޭންކްފަރޓްގެ ޓޫޓާއަށް ރަތްކާޑެއް ދެއްކިއެވެ. ނަމަވެސް އެއްކުޅުންތެރިއެއް އިތުރު ވުމުގެ ފައިދާ ބާސާއަށް މިމެޗްގައި ނެގޭގޮތެއް ނުވިއެވެ.
މި މެޗް އެއްވަރު ވުމުން ބާސާ މިހާރު މިވަނީ ޒާވީ ހެނާންޑޭޒްގެ ކޯޗުކަމުގެ ދަށުން 22 މެޗް ބަލިނުވެ ފުރިހަމަ ކޮށްފައެވެ.
ފްރޭންކްފަރޓް އާއި ބާސާ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު އެއްވަރުވިއިރު، މި ދެ ޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ބާސާގެ ދަނޑުގައެވެ. އެހެންކަމުން މި މުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު މިހާރު ބޮޑީ ބާސާއަށް ކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ. މި ކުރިމަތިލުމުން މޮޅުވާ ޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ ވެސްޓް ހޭމް ޔުނައިޓެޑާއި ލިޔޯން މެދުގައި ކުޅޭ ކްއާޓާރ ފައިނަލް ދެ ލެގުން ކުރި ހޯދާ ޓީމަކާއެވެ.