ޚަބަރު

މާފުށީ ޖަލުގައި 2 ފުޓްސަލް ދަނޑު ތަރައްޤީކުރަނީ


ޖަލުތައް ބަލަހައްޓާ އޮފިސަރުންނާއި ޤައިދީންނަކީ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް އެހީތެރިވެދިނުމުގެ ގޮތުން މާފުށީ ޖަލުގައި 2 ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވީ، މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އެދުމުގެ މަތިން ގައިދީން އަދި އޮފިސަރުންނަށް 2 ފުޓްސަލް ދަނޑު ތަރައްގީކޮށްދިނުމަށް އެއިދާރާއާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރަމުންނެވެ. އެކަމުގައި އެންމެ އިސްކަމެއް ދެއްވަނީ އެ ސަރަހައްދެއްގެ ރައްޔިތުން ކުޅެ އުޅޭ ކުޅިވަރުތަކަށެވެ. މިގޮތުން އާބާދީ ބޮޑު ސަރަހައްދެއްގެ ރައްޔިތުންނާއި ކުދި ރަށްރަށުގެ ރައްޔިތުން ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

މިގޮތުގެ މަތިން ބަންދު މީހުންނާއި ޤައިދީންނާއި ޖަލުތައް ބަލަހައްޓާ އޮފިސަރުންނަކީވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަންޖެހޭ ބައެއްކަމަށް ދެކި 2 ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ޤައިދީންނަކީވެސް މުޖުތަމައަށް ބޭނުންތެރި ރަނގަޅު ފަރުދުންތަކަށް ހެދުމުގެ ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ.