ޚަބަރު

އޭޕްރީލްއަކީ އެންމެ ހޫނު ގަދަ މަސް؛ މިމަހު އެންމެ ހޫނު ގަދަވާނީ މެންދުރު 2 ޖަހާއިރު


ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޭޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއެމްއެސްގެ މީޓިއޮރޮލޮޖިސްޓް މުހައްމަދު ޝަހުދު ވިދާޅުވީ ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ކަމަށެވެ. އެގޮތުން މިއަހަރުވެސް އެންމެ ހޫނުގަދަވާނެކަމަށް ލަފާކުރެވެނީ އޭޕްރީލްމަހުކަމަށް ޝަހުދު ވިދާޅުވިއެވެ.

ޝަހުދު ވިދާޅުވީ މިމަހު ރާއްޖޭގެ ހޫނުމިން އާންމު ގޮތެއްގައި އުޅޭނީ 29.6 ނުވަތަ 29.7 ޑިގްރީ ސެލްސިއަސްގައިކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ހޫނުވުމުގެ އަސަރު ކުރާނީ މެދު ރާއްޖެތެރެއާއި އުތުރަށްކަމަށް ޝަހުދު ވިދާޅުވިއެވެ.

"އެހެން މަސްތަކާއި އަޅާބަލާއިރު ހޫނުގަދަކޮށް މިމަހު މިއުޅެނި. ރާއްޖެއަކީ އާންމު ގޮތެއްގަ ހަމަ ވަރަށް ހޫނުގަދަ ޤައުމެއް. އެހެންނަމަވެސް އެހެންމަސްތަކާ އަޅާ ބަލާފަ އަދި މިއީ ރޯދަމަހަށް ވީއިރު ބޭރުގަ އުޅޭއިރު ހުރިހާ ފަރާތްތަކުންވެސް ސަމާލުވެގެން އުޅުމަށް އިލްތިމާސްކުރަން" އެމްއެމްއެސްގެ މީޓިއޮރޮލޮޖިސްޓް މުހައްމަދު ޝަހުދު ވިދާޅުވިއެވެ.

މިދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ، އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

އޭޕްރީލްމަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ. އަދި މިއީ ރޯދަމަހަށް ވުމާއެކު ގިނަވަގުތު އަވީގައި ނޫޅުމާއި އާންމު ސިއްހަތަށް ވިސްނައިގެން އުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާންމުގޮތެއްގައި ރޯދަމަހުގެ މެންދުރު 14:00 އަކީ އެންމެ ހޫނުގަދަވާ ވަގުތެވެ. އަދި މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުވެސްމެއެވެ.