ޚަބަރު

ސީޕީގެ ޔަގީންކަން: ޑްރަގުގެ މައްސަލަތަކުގައި މަންފާ ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާނެ


ކުށްކުރާ ފަރާތްތަކަށް ފައިދާ ހޯދައި ދިނުމުގެ މަޤްސަދުގައި ފުލުހުން ކުރަންޖެހޭ ކަމެއް ނުކޮށް ދޫނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ސީޕީ މިހެން ވިދާޅުވީ، ފުލުހުން ހިންގާ ޑްރަގު އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ މީހުން ދޫވާ މައްސަލާގައި ޕީއެސްއެމް ނިއުސްގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ބޮޑު މައްސަލައަށް ހައްލު ހޯދުމަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ޕީއެމްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ އެއް އޮޕަރޭޝަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންތައް ކަމަށެވެ.

ރާއްޖޭގައި އަށަގަނެފައިވާ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގައި ޤައުމީ ލެވެލްގެ ޚާއްސަ ޓާސްކްފޯހެއް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާއިރު، މިޓާސްކްފޯހުން ކުރެވޭ މަސައްކަތުން ބޮޑެތި ކާމިޔާބީތަކާއި ހަމައަށް ވާސިލް ވެވޭނެކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި މަސްތުވާތަކެތި އޮތް މިންވަރާއި، އެތެރެވާ ގޮތާއި، ބޭނުން ކުރާ މީހުންނާއި، ގެންގުޅޭ ތަންތަންވެސް ފުލުހުން ދެނެގަނެ މިކަންކަން ކުރާ މީހުން ހުއްޓުވުމަށް ރެއާއި ދުވާލު ފުލުހުން ބުރަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި އޮޕަރޭޓްކުރަމުންދިޔަ ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ 1118 މީހަކު އުޅޭކަން ފާހަގަވެފައިވާއިރު މިމީހުންނާއި، އަދި މިމީހުން ޑްރަގު ބޭނުން ކުރާ ތަންތަން ހުއްޓުވައި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާކަން ސީޕީ ފާހަގަ ކުރެއްވިއެވެ. ދިވެހި ދައުލަތުންނާއި، އެކުވެރި ދައުލަތްތަކާއި، ގުޅިގެން ކުރަމުންދާ މަސައްކަތުން، ރާއްޖެއަށް ޑްރަގް ޓެރިފް ކުރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް މިވީ ދުވަސްތަކުގައި ވަނީ ކޮށްފައެވެ. މީވީ ތިން އަހަރުގެ ތެރޭގައި ފުލުހުންވަނީ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައި ގަނެފައެވެ. އަދި ފާއިތުވެދިޔަ 10 އަހަރު ފުލުހުންގެ އެކި އޮޕަރޭޝަންތަކުން އަތުލައި ގަނެފައިވާ 1.8 ޓަނުގެ މަސްތުވާތަކެތި ވަނީ ނައްތާލާފައެވެ.

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުން މީހުން ދޫވާ މައްސަލާގައި އޮތް ކަންބޮޑުވުންތަކާއި، ފުލުހުންނަށް އަމާޒުކުރެވޭ ތުހުމަތުތަކާއި ގުޅިގެން ސީޕީ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ތަހުގީގަށްދާ ފުލުހުންނަކީ މިކަމުން މަންފާ ހޯދައި، ކުށްކުރާ މީހުންނަށް މިކަމުން ސަލާމަތްވެވޭ ގޮތަށް މަސައްކަތް ކުރާނެ ބައެއް ނޫންކަމަށެވެ. މިފަދަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވާ އެއްވެސް ފުލަހަކު ގަސްތުގައި، ކުށްކުރާ ފަރާތްތަކަށް ފައިދާ ހޯދައި ދިނުމުގެ މަޤްސަދުގައި ނުވަތަ އެނިޔަތުގައި މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ސީޕީ ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ކަމާއިއެކު ދަންނަވަން ކެރޭ ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ފުލުހަކު ގަސްތުގައި މަސްތުވާތަކެތީގެ މިކުރާ މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން ތެރެއިން ގަސްތުގައި މިކުށްކުރާ، ޚާއްސަކޮށް ބޮޑެތި ކުށްކުރާ ފަރާތްތަކަށް ފައިދާ ހޯދައި ދިނުމުގެ މަޤްސަދުގައި ނުވަތަ އެނިޔަތުގައި ކުރަންޖެހޭ ކަމެއް ނުކޮށް ދޫނުކުރާނެ." ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އޮޅިގެން ހިއުމަން އެރާއެއްގެ ތެރެއިން މިފަދަ އޮޕަރޭޝަންތަކުގައި ފުލަހަކަށް ކަމެއް ކުރެވިފައި ވީނަމަވެސް އެކަމެއްވެސް ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާނެކަމަށެވެ. ޑްރަގުގެ މައްސަލަތައް ހައްލު ކުރުމަށް ޖިނާއީ އިޖުރާތު ޤާނޫނުގައިވެސް ބައެއް މައްސަލަތައް ހުރިކަން ފާހަގަކޮށް ސީޕީ ވަނީ އެޤާނޫނަށް އަލުން އިސްލާހު ހުށަހެޅުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ.