އިހާ ޓޭބަލް ޓެނިސް އެކަޑަމީން ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމުގެ ގޮތުން އިހާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ ބުދަ ދުވަހު ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހާއްސަ ހަރަކާތެއް ބާއްވާފައެވެ.
މި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.
އިހާ ޓޭބަލް ޓެނިސް އެކަޑަމީން ބުނީ ދުނިޔޭގެ ޓީޓީ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމީ ދުނިޔޭގެ ޓީޓީ ދުވަހާ ގުޅުވައިގެން ޓީޓީއަށް ލޯބިކުރާ ކުދިބޮޑު އެންމެން އެއް މާހައުލަކުން ދިމާވެ ޓީޓީ ކުޅެ ހަދާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އިސްވެ ހުންނަވައިގެން 2012 ވަނަ އަހަރު އުފެއްދި އިހާ ޓޭބަލް ޓެނިސް އެކަޑަމީ އިން އަންނަނީ ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން އަލިބެމެން ގޭ ކަމަށްވާ ހ. ތާޅަފިލިގޭގައި 50ށް ވުރެން ގިނަ ކުޅުންތެރިންނާއި އެކު ތަޖްރިބާކާރުން ކޯޗުން ހިމަނައިގެން ކުޅުންތެރިން ތަމްރީން ކުރަމުންނެވެ. އިހާ ޓޭބަލް ޓެނިސް އެކަޑަމީން ތަމްރީންވާ ކުޅުންތެރިން ވަނީ ޓޭބަލްޓެނިސް މުބާރާތްތަކުގައި ވެސް ރަންވަނަތައް ހޯދާފައެވެ.