ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންގެ ދަރިކަނބަލުންނަށާއި ރަޝިޔާގެ ކުރީގެ ރައީސް ދިމީތުރީ މެދުވެދޭވަށް އެމެރިކާއިން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުއަޅައިފިއެވެ.
ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ރަޝިޔާއިން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އެމެރިކާއިން އެންމެފަހުން އެޅި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެ ޤައުމަށް ނިޞްބަތްވާ ރައްޔިތުން ރަޝިޔާގައި ވިޔަފާރި ހިންގުމާއި ޚަރަދުކުރުންވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ޕުޓިންގެ ދެ ދަރިކަނބަލުންނަށާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގައި ލަވުރޯފުގެ އަނބިކަނބަލުންނަށާއި ދަރިކަނބަލުންނާއި ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ މެންބަރުންނާ ދެކޮޅަށްވެސް އެމެރިކާއިންވަނީ ދަތިކުރުމުގެ ފިޔަވަޅުއަޅައިފައެވެ. އެމެރިކާއިން މީގެ ކުރިންވަނީ ޕުޓިންނާއި ލަވުރޯފާ ދެކޮލަށްވެސް ދަތިކުރުމުގެ ފިޔަވަޅުއަޅައިފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ޔޫކްރެއިނުގައި ރަޝިޔާއިން ހިންގަމުންދާ ޖަރީމާތަކުގެ އަގު އެ ޤައުމުން ޢަދާކުރަން ޖެހޭނެކަން ކުރިންވެސް ވިދާޅުވެފައިވާނެކަމަށާއި އެމެރިކާއިން އެންމެފަހުން އެޅި ފިޔަވަޅުތައްވެސް އެ ޤައުމުގެ ބައިވެރިން ތަންފީޒުކުރާނެކަމަށެވެ. ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއާއި ނިޔު ޒީލޭންޑާއި ކެނެޑާއިންނާއި ޖަޕާނުންވަނީ ތަންފީޒުކޮށްފައެވެ.