ޚަބަރު

ރާއްޖޭގެ 7 ރަށެއްގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދަނީ


ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތްކުރާނެ ފަރާތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން މިފަހަރު ހޮސްޕިޓަލް ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫއާއި ށ.މިލަންދޫއާއި ނ.ވެލިދޫއާއި، ކ.ތުލުސްދޫއާއި، އދ.މާމިގިލީއާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުށީގައެވެ. މިއިން ކޮންމެ ރަށެއްގައި ހޮސްޕިޓަލް ޢިމާރާތްކޮށްދޭން ބޭނުން ފަރާތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 35000 ޑޮލަރު ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ބައިނަލްއަޤުވާމީ އުސޫލުތަކާއެއްގޮތަށް ކުރިއަށްގެންދާ މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 1500 ރުފިޔާގެ ނޮން-ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަތުން މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އަންނަ މަހުގެ 6 ގެ ކުރިން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0830އިން 1400އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލްއިން ބަލައިގަންނާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. ރަމަޟާންމަހު ފައިސާ ބަލައިގަންނަނީ ހެނދުނު 0930އިން މެންދުރުފަހު 1300 ޖެހުމާހަމައަށެވެ. މިމަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ ޖޫންމަހުގެ 9 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަޝްރޫއަކީ "ދަ ކުވެއިތް ފަންޑް ފޮރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް"ގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 5 ސަރަޙައްދެއްގައި ޓަރޝިއަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އެކި ސަރަޙައްދުތަކުގައި ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަޝްރޫޢުތަކުގެވެސް މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްއެބަދެއެވެ. ރާއްޖޭގެ 3 ސަރަޙައްދެއްގައި ވެކްސިން ރައްކާކުރާ މަރުކަޒުތައް ޤާއިމުކުރުމަށާއި ނޭޝަނަލް ހެލްތު ލެބޯޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.