ޚަބަރު

ވިލާ ކޮލެޖުގެ ސްކޮލަޝިޕް ދިހަ ކުއްޖަކަށް ދީފި


ވިލާ ކޮލެޖުން ހިލޭ ކިޔެވުމަށް ހުޅުވާލި ސްކޮލަޝިޕްގެ ފުރުސަތަށް ހޮވުނު 10 ދަރިވަރުންނަށް ސްކޮލަޝިޕް ޙަވާލުކޮށްފި އެވެ.ވިލާ ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވިލާ ކޮލެޖުން ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް ސްކޮލަރޝިޕް ޙަވާލުކޮށް ދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރެވެ. ވިލާ ކޮލެޖުން ސްކޮލަޝިޕްގެ ފުރުސަތު ދީފައިވަނީ 4 ދާއިރާއަކުންނެވެ. އޭގެ ތެރޭގައި ހިމެނޭނީ ވިލާ ކޮލެޖު ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕްގެ ގޮތުގައި 3 ސްކޮލަރޝިޕް، ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕްގެ ގޮތުގައި 3 ސްކޮލަޝިޕް، ވިލާ ކޮލެޖު ނުވަތަ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް ގެ ގޮތުގައި 2 ސްކޮލަޝިޕް އަދި ވިލާ ކޮލެޖު އެލުމްނައި ސްކޮލަޝިޕްގެ ގޮތުގައި 2 ސްކޮލަޝިޕެވެ.ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރު ވިދާޅުވީ، ވިލާ ކޮލެޖުން ހިންގާ ތަފާތު އެކި ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ފެންވަރަށް ހިންގާ ކޮލިޓީ ޕްރޮގްރާމްތަކެއް ކަމަށާއި ސްކޮލަޝިޕަށް ކުދިން ހޮވުމުގައި އިސްކަންދީފައިވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރުންނަށް ކަމަށެވެ. މިއީ ވިލާ ކޮލެޖުގެ އިޖުތިމާއީ ޒިންމާގެ ދަށުން ދަރިވަރުންނަށް ހިލޭ މަތީ ތައުލީމް ޙާސިލްކުރުމަށް އެކޮލެޖުން ދަރިވަރުންނަށް ފަހިކޮށްދިން ފުރުސަތެކެވެ. ސްކޮލަޝިޕަށް ހޮވުނު ދިހަ ދަރިވަރުންގެ ކިޔެވުމުގެ ޚަރަަދަށް ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެއްވާފައިވެ އެވެ.