ޚަބަރު

އައްމަޓީ ދޫކޮށްލި މައްސަލަ ހައިކޯޓުން ކޮށްލީ ބޭރު


މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ޝަރުތުތަކަކާއެކު ދޫކޮށްލައިފައިވާ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ފްލެޓް އަޅާދޭނެކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނަގާ ފިލި މައްސަލާގައި ދައުވާކޮށްފައިވަނިކޮށް ކްރިމިނަލްކޯޓުން އަޙްމަދު މޫސާ ވަނީ ބަންދުން ދޫކޮށްލާފައެވެ. ޝަރުތުތަކާއި އެކު އަޙްމަދު މޫސާ ބަންދުން ދޫކޮށްލީ އޭނާގެ ދެ ކޮއްކޮ ޖާމިނުކުރުމަށްފަހުއެވެ.

ކްރިމިނަލްކޯޓުން ނިންމުން ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓްގައި އިސްތިއުފުކުރުމުން އެކޯޓުން މިއަދަށް ތާވަލުކޮށްފައި އޮތީ މައްސަލައިގެ ހުކުމެވެ. ހައިކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެކަމަށް ނިންމާ ކޯޓުން ބޭރުކޮށްލާފައެވެ. ހައިކޯޓްގެ ނިންމުމުގައި ބުނެފައިވަނީ ދައުލަތުން ދަށު ކޯޓްގެ ނިންމުން އިސްތިއުނާފުކޮށްފައިވަނީ އެކަމަށް ހަމަޖެހިފައިވާ މުއްދަތު ފާއިތުވި ފަހުންކަމަށެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް ހަދަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައި ވަނީ މިިދިޔަ އަހަރުގެ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ. އޭރު ވަނީ އޭނާ ހޯދަން ރެޑް ނޯޓިސްވެސް ނެރެފައެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އެނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ.

އެ މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.