ޚަބަރު

މެލޭޝިއާގައި ހުންނެވި ދިވެހި ސަފީރު އިސްތިއުފާ ދެއްވައިފި


ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސާމް އަލީ، އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ވިސާމް އިސްތިއުފާދެއްވިކަން ފޮރިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އިސްތިފާދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

ވިސާމް އަލީ އިސްތިއުފާދެއްވުމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި ވަނީ މެލޭޝިއާގެ ސަފީރުކަމުގައި ހުންނަވާ ވިސާމް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެކަމަނާއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހެންވޭރު އާޒާދެވާދީ ވިސާމް ޢަލީ ޢައްޔަން ކުރައްވާފައިވަނީ 26 މާރިޗު 2019 ގައެވެ.

ވިސާމް އަލީ އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާ ވަނީ އޮސްޓްރޭލިއާގެ މުރްޑޮކް ޔުނިވަރސިޓީން ބެޗްލާސް އޮފް ކޮމާސް އަދި ހަމަ އެ ޤައުމުގެ ޔުނިވަރސިޓީ އޮފް އެޑިލެއިޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާޞިލުކުރައްވާފައެވެ.