ޚަބަރު

ލަންކާގެ ސަރުކާރަށް މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލިއްޖެ


ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އެ ޤައުމުގެ ސަރުކާރަށް ގެއްލިއްޖެއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތާމެދު ރުޅިގަދަވެފައިވާ ޢާއްމުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ 41 މެންބަރުންވަނީ އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރަށް ތާޢީދުނުކުރަން ނިންމައި އިދިކޮޅު ފަރާތްތަކާ ގުޅިފައެވެ. އޭގެ ތެރޭގައި ސުރީ ލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޕާޓީއަށް ނިޞްބަތްވާ މެންބަރުންވެސް ހިމެނެއެވެ. ގޮތަބަޔާއަށް ކުރައްވި ތާޢީދު އަނބުރައި ގެންދެވިކަން އިޢުލާންކުރައްވަމުން ސިރިސޭނާ ވިދާޅުވީ އޭނާއާއި އޭނާގެ ފުރީޑަމު ޕާޓީން އަބަދުވެސް ތިބޭނީ ރައްޔިތުންނާއެކުކަމަށެވެ.

ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް ގެއްލުނު ނަމަވެސް އަމިއްލަ މެންބަރުންގެ ވޯޓާއެކު ސަރުކާރުން ބޭނުންވާ ޤާނޫނުތައް ފާސްކުރުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް އެއީ ސަރުކާރަށް ޔަޤީން ވޯޓުތަކެއް ނޫނެވެ. ސުރީ ލަންކާގެ ސަރުކާރަށް ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލިފައިވަނީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 26 މެންބަރުން އެއްފަހަރާ އިސްތިޢުފާދީފައިވަނިކޮށެވެ. އެއާއެކު ގޮތަބަޔާއަށް ވެރިކަން ކުރެއްވުމަށް ބޮޑެތި ހުރަސްތަކަކާވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ސުރީ ލަންކާއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް ގޮތަބަޔާވަނީ ގޮވާލައްވައިފައެވެ. ނަމަވެސް ސުރީ ލަންކާގެ އިދިކޮޅު ޕާޓީތަކުން އެ ގޮވާލެއްވުމަށް އިޖާބަދީފައެއް ނުވެއެވެ. އޭގެ ތެރޭގައި އެ ޤައުމުގެ މުސްލިމު އަދި ތަމަޅަ ޕާޓީތައް ހިމެނެއެވެ.

ސުރީ ލަންކާގެ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހަށްވަނީ ހަތަރު ބޭފުޅުން ޢައްޔަންކުރައްވައިފައެވެ. އެ ގޮތުން އެ ޤައުމުގެ މާލީ ވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ކުރީގެ ޢަދުލްއިންޞާފާބެހޭ ވަޒީރު ޢަލީ ޞަބްރީއެވެ. އަދި ޚާރިޖީ ވަޒީރުގެ މަޤާމާއި ތަޢުލީމާބެހޭ ވަޒީރުގެ މަޤާމާއި ހައިވޭއާބެހޭ ވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ކުރިންވެސް އެ މަޤާމުތަކުގައި ތިއްބެވި ވަޒީރުންނެވެ. ނަމަވެސް މާލީ ވަޒީރުކަމާ ޙަވާލުވެވަޑައިގަތްތާ އެއް ދުވަސްފަހުން ޞަބްރީވަނީ އެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. އޭނާ އިސްތިޢުފާދެއްވާފައިވަނީ ސުރީ ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށް އެހީހޯދުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއާ މަޝްވަރާކުރައްވަން ޖެހިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަޤާމުން އިސްތިޢުފާދެއްވީ އެއީ ޤައުމަށް އެންމެ ރަނގަޅު ގޮތްކަމަށް ވިސްނިވަޑައިގަތުމުންކަމަށެވެ.

ބެލެވޭ ގޮތުގައި ގޮތަބަޔާ ދެން އަޅުއްވާނެ ފިޔަވަޅަކީ ސުރީ ލަންކާގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި އޭނާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ އެ މަޤާމުން ވަކިކުރައްވައި އައު ބޭފުޅެއްގެ ބެލުމުގެ ދަށުން ސަރުކާރެއް އެކުލަވާލެއްވުމެވެ. އެހެންނޫންނަމަ ދަޢުރު ހަމަވުމުގެ ތިން އަހަރުކުރިން ސުރީ ލަންކާގައި ޢާއްމު އިންތިޚާބެއް ބޭއްވެވުމަށް ގޮތަބަޔާއަށް މަޖުބޫރުވެވަޑައިގަންނަވާނެއެވެ. ނަމަވެސް އެފަދަ ފިޔަވަޅުތަކެއް އަޅުއްވަން ތައްޔާރަށް ހުންނެވިކަމުގެ އިޝާރާތެއް ގޮތަބަޔާ ދެއްވައިފައެއް ނުވެއެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބުރުވެފައެވެ. ސުރީ ލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. އެ ގޮތުން އެތައް ބިލިޔަން ޑޮލަރެއްގެ ލޯން ދިނުމަށް ސުރީ ލަންކާއިންވަނީ އިންޑިޔާއާއި ޗައިނާގައި އެދިފައެވެ. އެ ގޮތުން އިންޑިޔާއިންވަނީ ފަހުން ފައިސާދައްކާގޮތަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސުރީ ލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.