ވިޔަފާރި

ލަންކާގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމަށް ކޮންމެވެސް ވަރަކަށް އަސަރުކޮށްފާނެ: މައުސޫމް


ލަންކާގައި މިވަގުތު ހިންގަމުންދާ ކަންތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކޮންމެވެސް ވަރަކަށް އަސަރު ކުރާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސްރީލަންކާއަށް މިވަގުތު ދިމާވެފައިވާ އިޤްތިޞާދީ ކާރިސާގެ ސަބަބުން އެ ޤައުމުގައި ތަކެތީގެ އަގު އުފުލި، ތެޔޮ ނުލިބި ވަކި ވަގުތެއްގައި ކަރަންޓު ކަނޑާ ހާލަތަށް ވަނީ ގޮސްފައެވެ. މިއާއެކު ލަންކާގެ ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާކޮށް، ހަމަނުޖެހުންވެސް ދަނީ ހިނގަމުންނެވެ.

މިކަމަށް އިޝާރާތް ކުރައްވާ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީސްރީލަންކާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކޮންމެވެސް ވަރެއްގެ ހިއްސާއެއް އޮންނަ ބައެއްކަމަށެވެ. އަދި ލަންކާއާއި ރާއްޖޭގެ ވާދަވެރިކަން ފަތުރުވެރިކަމުގައި އޮންނަ ނަމަވެސް، ކޮރެއަން އެއާލައިން އަދި ޗައިނާ އީސްޓަން ފަދަ އެއާލައިންތައް ރާއްޖެ އަންނައިރު، ކޮލަމްބޯ މަގުން ރާއްޖެ އަންނަކަމަށާއި މިހެންކަމުން ކޮލަމްބޯ ހަމަޖެހުމެއް އޮތުމަކީ ރާއްޖެއަށްވެސް ފައިދާކުރާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ލަންކާއަށް މިވަގުތު އިޤްތިޞާދީ ކާރިސާއަކާއި ކުރިމަތިލާން ޖެހިފައިވާއިރު، ލަންކާގެ ޤައުމީ އެއާލައިންނަކީ ރާއްޖެއަށް ޤަވާއިދުން ދަތުރުކުރާ އެއާލައިނެކެވެ. އަދި އިރުމަތީ ޤައުމުތަކަން ރާއްޖެ އަންނަ ފްލައިޓްތައްވެސް ރާޢްޖެ އަންނަ އިރު ކޮލަމްބޯ މަގު ޙިޔާރު ކުރެއެވެ. އަދި މި ރޫޓުތަކުން ރާއްޖެއަށް ފަތުރުވެރިންވެސް އާދެއެވެ.