ވިޔަފާރި

މަސައްކަތަށް ގެނައި ހަލުވިކަމާއެކު 2 ދުވަސްތެރޭގައި 150 ކޮންޓެއިނަރ ކްލިއަރކޮށްފި


އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ގެނައި ހެޔޮ ބަދަލުތަކަށްފަހު، ވޭތުވެދިޔަ ދެދުވަސް ތެރޭ 150 ކޮންޓެއިނަރގެ މުދާ ކްލިއަރ ކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޕީއެލްއިން ދަނީ މާލެ އަދި ހުޅުމާލޭ ބަނދަރަށް މުދާ ބާލަމުންދާ މިންވަރު ދުވަހުން ދުވަހަށް އާންމު ކުރަމުންނެވެ.

އެމްޕީއެލްއިން ބުނީ ހަލާކުވާ ޒާތުގެ ކާބޯތަކެތި ގިނަ އަދަދަކަށް ކްލިއަރ ކުރެވެމުންދާކަމަށާއި މީގެ ތެރޭގައި ފިޔާ، އަލުވި، ބިހުގެ އިތުރުން އެކި ބާވަތުގެ މޭވާއި ތަރުކާރީ ހިމެނޭކަމަށެވެ.

އެމްޕީއެލްއިން އާއްމުކޮށްފައިވާ ތާފާސް ހިސާބުތަކުން އެނގޭ ގޮތުގައި އާދީއްތަ ދުވަހު އެކުންފުނިން ވަނީ 60 ކޮންޓެއިނަރުގެ މުދާ ކްލިއަރ ކޮށްފައެވެ. މީގެތެރޭގައި 20 ފޫޓުގެ 33 ކޮންޓެއިނަރާއި، 40 ފޫޓުގެ 27 ކޮންޓެއިނަރ ހިމެނެއެވެ. އާދިއްތަ ދުވަހު އެތެރެކޮށްފައިވާ ޕެރިޝަބްލް ނުވަތަ ހަލާކުވާ ޒާތުގެ މުދަލަށް ބަލާއިރު، އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކަރާއެވެ. އެއީ 222 ގޯނި ކަރާއެވެ. އެދުވަހު ކަރާގެ އިތުރުން އަލުވި، ދޮންކެޔޮ، ބަރަބޯ އަދި އަލަނާސިވެސް އެތެރެކޮށްފައިވެއެވެ.

އާދިއްތަ ދުވަހާއި އަޅާ ބަލާއިރު ހޯމަ ދުވަހު ކްލިއަރކޮށްފައިވާ މުދާ މާގިނައެވެ. ހޯމަ ދުވަހު 90 ކޮންޓެއިނަރ ކްލިއަރ ކޮށްފައިވެއެވެ. އެދުވަހު 20 ފޫޓުގެ 48 ކޮންޓެއިނަރ ކްލިއަރ ކޮށްފައިވާއިރު، 40 ފުޓޫގެ 42 ކޮންޓެއިނަރު ކްލިއަރ ކުރިއެވެ. ހޯމަ ދުވަހުގެ ގެނެވުނު އަވަހަށް ހަލާކުވާ ޒާތުގެ ކެއިން ބުއިމުގައި ބޭނުން ކުރާ ތަކެއްޗަށް ބަލާއިރު، ގިނަ އަދަދެއްގެ ފިޔާ ގެނެވިފައިވެއެވެ. އެގޮތުން 637 ގޯނި ފިޔާ ކްލިއަރ ކުރެވިފައިވާއިރު، މޭވާއާއި ތަރުކާރީގެ އިތުރުން ބިސް ކްލިއަރ ކޮށްފައިވެއެވެ.

އެމްޕީއެލްއިން ރޯދަމަހާއި ދިމާކޮށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނިން ވިދާޅުވީ، ރޯދަމަހާއި ދިމާކޮށް ޕެރިޝަބަލް ނުވަތަ ކާބޯތަކެތި ގެންނަ ބޯޓުތައް އަވަހަށް ހުސްކުރުމަށް ހާއްސަ ޓީމެއް އެކުލަވައި އެކަން މޮނީޓަރ ކުރަަމުންދާނެ ކަމަށެވެ. އަދި ދިމާވާ މައްސަލަތައް ވަގުތުން ހައްލުކޮށް ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރުމުގެ އިންތިޒާމ ހަމަޖައްސާފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އާންމު ގޮތެއްގައި ރާއްޖެ ގެންނަ މުދަލުގެ ބޮޑުބަޔަކީ ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތަކަށްވެފައި ޕެރިޝަބަލް ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ހުސްކުރާނަމަ ހެނދުނު 9:00 ފެށިގެން ދަންވަރު 1:30 ހަމައަށް ހުއްޓާނުލާ މަސައްކަތް ކުރަމުންދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ. މީގެ އިތުރުން ހުކުރު ދުވަހުވެސް ޕެރިޝަބަލް ކާބޯތަކެއްޗާއެކު ބޯޓެއް އައިސްފިނަމަ ކްލިއަރ ކުރުމުގެ އޮޕަރޭޝަން އެކުންފުނިން ކުރިއަށް ގެންދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ. ހަމައެއާއެކު އެހެނިހެން ސާވިސްތައްވެސް މިވަގުތުތަކުގައި ކުރިއަށްދާނެކަމަށް އެކުންފުނިން ބުނެއެވެ.