ޚަބަރު

ސިޔާސީ ޕާޓީއަކަށް ވެއްދުމުން މެސެޖަކުން އެކަން އަންގަނީ


ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޢާންމުކުރުމާއެކު ފޯނަށް ފޮނުވާ މެސެޖަކުން އެކަން އެމީހަކަށް އަންގަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ސައްޙަ ނޫން ފޯމު ހުށައަޅައިގެން ބައެއް މީހުން ޖައްސާފައި ހުންނަކަމުގެ ޝަކުވާ އަބަދުވެސް ހުށައަޅާކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ. ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވީނަމަވެސް މިކަން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ޤާއިމްކުރެވިފައެއް ނުވެއެވެ.

އެކޮމިޝަނުން ވިދާޅުވީ، ސިޔާސީ ޕާޓީ ތަކުން ހުށަހަޅާ މެމްބަރޝިޕް ފޯމުތަކުގެ ޞައްޙަކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން މިމަހުގެ ފުރަތަމަ ދުވަހުގެ ފަހުން ހުށަހަޅާ މެމްބަރޝިޕް ފޯމްތަކުގެ ލިސްޓު ކޮމިޝަނުގެ ވެބްސައިޓްގައި އާއްމު ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެމްބަރުންގެ ލިސްޓު އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ކޮމިޝަނުގެ ވެބްސައިޓްގައި އާއްމުކުރުމަށްވެސް ނިންމާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި މީހެއްގެ ނަން ހިމެނޭ ހިސާބުން އެމީހެއްގެ ފޯނަށް ފޮނުވާ މެސެޖަކުން އެކަން އެމީހަކަށް އެންގޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވީ ސައްޙަ ނޫން ފޯމް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ހުށަހަޅާކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ސިޔާސީ ޕާޓީތަކަށް ވެއްދުމުގައި ފޯމް ފުރާއިރު، މީހާ ނެތި އެހެން މީހުންގެ ސޮއި ކުރުމާއި ފިންގަޕްރިންޓް ޖެހުންފަދަ މައްސަލަތައް ފާހަގަކުރެވޭކަމަށް ފުވާދު ވިދާޅުވިއެވެ. ޕާޓީތަކުން ހުށަހަޅާ ފޯމްތައް ޗެކްކޮށް، ސައްޙަ ރަނގަޅު ފޯމް ހުށައެޅުމަށް ޕާޓީތަކަށް ތަކުރާރުކޮށް އަންގަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ސިޔާސީ ޕާޓިތަކުގެ މެންބަރުންގެ ލިސްޓް ޢާންމުކުރަން ފެށުމުން މި މައްސަލައަށް ބޮޑު ހައްލެއް ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓިއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތަކުގެ ޞައްހަކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތްބަޔަކީ ސިޔާސީ ޕާޓީތައް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު މިހާރު ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމު ހުށަހަޅަން ޖެހެނީ އެޕާޓީއަކުންނެވެ. އަދި ޕާޓީއަކުން މީހަކު ވަކިވާނަމަ އެކަންވެސް ކުރެވެނީ ސިޔާސީ ޕާޓީއެއް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެންނެވެ.