ވިޔަފާރި

އެސްޓީއޯއިން ލުނބޯ އެތެރެކޮށް، އަގު އެތައް ގުނައެއް ދަށަށް


ބާޒާރުގައި ލުނބޯގެ އަގު އިންތިހާއަށް މައްޗަށް އުފުލިފައިވަނިކޮށް އެސްޓީއޯއިން ލުނބޯ އެތެރެކޮށް ބާޒާރުގައި ލުނބޯ ވިއްކަމުން ދިޔަ އަގު އެތައް ގުނައެއް ދަށަށް ވައްޓާލާފިއެވެ.

މި ރަމަޟާން މަސް ފެށުނުއިރު ބާޒާރުގައި ލުނބޯ ކިލޯއެއް ހުރީ 150 ރުފިޔާއިން މަތީގައެވެ. މި ދިޔަ ދެ ދުވަހު އަގު ދަށަށް ޖެހިލިނަމަވެސް ލިނބޯގެ އަގު 120 ވުރެ ދަށަކަށް ނުދެއެވެ.

އެސްޓިއޯއިން ބުނީ ބަޒާރުގައި ލިނބީ ލިބުމުން ދަތިވެފައިވާތީ އެކުންފުނިން ލުނބޯ އެތެރެކޮށް މިވަގުތު ވިއްކަން ފަށާފައިވާކަމަށެވެ. އަދި ބާޒާރުގައި ކިލޯއެއް 100 އިން މަތީގައި ހުރި ލުނބޯ އެސްޓީއޯއިން ވިއްކަމުން އަންނަނީ ކިިލޯއެއް 45 ރުފިޔާއަށެވެ. އެހެންނަމަވެސް އެސްޓިއޯއިން ލުނބޯ ވިއްކަމުން އަންނަނީ ލިމިޓްކޮށްގެންނެވެ.

އެކުންފުނިން ބުނީ އެސްޓީއޯ އެގްރި ސެންޓަރުން އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލުނބޯ ވިއްކަމުން ދާނެ ކަމަށެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލުނބޯ ވިއްކާނީ މީހަކަށް ކިލޯއެއްގެ މަގުންނެވެ. އަދި އެގްރި ސެންޓަރުން މީހަކަށް 3 ކިލޯ ވިއްކާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ލުނބޯ ވިއްކަން ފެށުމާއިއެކު ގިނަ އަދަދެއްގެ ބަޔަކު ލުނބޯ ގަންނަން ކިއު ހަދާލި ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ވިދާޅުވީ މިއީ އެކުންފުނިން ބޭރުން ގެނެސް ބާޒާރަށް ނެރެފައިވާ ތާޒާ ލުނބޯ ކަމަށެވެ.