ޚަބަރު

ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރުމުގެ މަސައްކަތް މާދަމާ ނިމޭނެ


ހައްދުންމަތީ ގާދޫ މީހުން އެ އަތޮޅު ފޮނަދުއަށް ބަދަލުކުރުމުގެ މަސައްކަތް އާދީއްތަ ދުވަހު ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރެއްވުމުގެ މަސައްކަތް ފެއްޓެވީ، މި މަހުގެ 11 ވަނަ ދުވަހުއެވެ. ސަރުކާރުން ގެންގުޅުއްވާ އެއްފަސް ކުރެއްވުމުގެ ސިޔާސަތުގެ ދަށުން، ހައްދުންމަތީ ގާދޫ މީހުން އެ އަތޮޅު ފޮނަދޫއަށް ބަދަލު ކުރެއްވުމަށް ބޭނުންވާ ހުރިހާ ކަމެއް ނިންމަވައި، އެކަމުގެ އަމަލީ މަސައްކަތް ފެއްޓެވީ، މި މަހުގެ އެގާރަވަނަ ދުވަހުއެވެ. މިހާތަނަށް 84 ޢާއިލާއެއް ފޮނަދުއަށްވަނީ ބަދަލުކުރައްވާފައެވެ. މީހުން ފޮނަދުއަށް ބަދަލުކުރެއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ، ހައުސިންގ މިނިސްޓްރީގެ ޓީމަކާއި، އެމްއެންޑީއެފްއިންނެވެ. މިހާތަނަށް ފޮނަދުއަށް ބަދަލު ކުރެއްވި ޢާއިލާތަކަށް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ ފަސްދޮޅަސް ހާސް ރުފިޔާވެސް އެ ޢާއިލާތަކާއި މިހާރު ހަވާލު ކުރައްވާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ގާދޫގެ އެކި އިދާރާތަކުގައި ތިބި މުވައްޒަފުންނަށް، އެމީހުންގެ ވަޒީފާ ނުގެއްލޭ ގޮތަށް ފޮނަދޫގެ އިދާރާތަކުން ވަޒީފާ ހަމަޖައްސަވާފައިވާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ، މީހުން ބަދަލު ކުރެއްވުމުގެ މަސައްކަތް މާދަމާ ނިމޭނެކަމަށެވެ. ގާދޫގެ 108 ޢާއިލާގެ މީހުން ފޮނަދުއަށް ބަދަލުކުރެއްވުމަށް މިހާތަނަށް ފޮނަދޫގައި އަޅުއްވަފައިވަނީ 85ގެއެވެ. ބާކީ އިމާރާތްކުރައްވަން ޖެހޭ ގެތަކުގެ މަސައްކަތް ނިމެންދެން އެ ޢާއިލާތައް ދިރިއުޅޭނެ އިންތިޒާމް ފޮނަދޫގައި ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. ބާކީހުރި 23ގެ އެޅުއްވުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. ގޮންޖެހުންތަކެއް ހުރި ނަމަވެސް ސަރުކާރުން ގެންގުޅުއްވާ، އެއްފަސް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރެއްވުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.