ޚަބަރު

ފެން ފޯރުކޮށްދޭން ދަތިވީ ޓްރެފިކްގެ ސަބަބުން ؛ ދެން މައްސަލައެއް ކުރިމައްޗެއް ނުވާނެ


ފުޅީގައި ބަންދުކޮށްފައިވާ ފެން ފޯރުކޮށްދިނުމުގައި ރޯދަމަހުގެ ކުރިއަށްއޮތްތަނުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވެފައި މިވަނީ ރޯދަމަހުގެ ފުރަތަމަ ދެ ދުވަހު ބަންދުކޮށްފައިވާ ފެން ފުޅި ފޯރުކޮށްދިނުމުގައި މާލޭގައި ވަރަށް ބޮޑަށް ތާށިވުމުންނެވެ. އަދި ކުރިއަށް އޮތްތާގައި މި ރޯދަމަހު ގޭގެއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު މިހެން ވިދާޅުވީ، މި ރޯދަމަހުގެ ފުރަތަމަ ދެ ދުވަހު އެމްޑަބްލިއުއެސްސީން އުފައްދާ "ތާޒާ" ފެން ފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކާއި ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، މާލެ ސިޓީގައި ފެން ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވީ ރޯދަމަހާއި ގުޅިގެން މާލޭގެ ޓްރެފިކަށް ގެނައި ބަދަލުތަކެއްގެ ސަބަބުންކަމަށެވެ. ނަމަވެސް ސަރުކާރާއި ވާހަކަދައްކައިގެން އެކަންކަމަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ފެން ލިބުމުގައި ދަތިކަމެއް ނޫޅޭނެކަމަށް ޝާހު ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ޕިކަޕްތައް ނުނެރެވުމުން ޑެލިވަރީއަށް ދަތިތަކެއް ނުވަތަ ތާށިތަކެއް މިއުޅެނީ. އަޅުގަނޑުމެންނަށް އެކަންޏެއް ނޫން ހަމަ އެހެން ކުންފުނިތަކަށްވެސް މި ދަތިތައް ދިމާވި. އެހެންނަމަވެސް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގަ އަޅުގަނޑުމެންގެ ޕިކަޕްތަކަށް ބޭނުންކުރެވޭނެ ފެން ޑެލިވަރީއަށް ހަމައެކަނި ހަވީރު 4:30 ފެށިގެން ރޭގަނޑު 8:00 އާދޭތެރޭ ފިޔަވައި ދެންހުރި ހުރިހާ ގަޑިއެއްގައި" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީން އުފައްދާ ތާޒާ ފެނުގެ ރަނގަޅު ސްޓޮކެއް އެބަހުރިކަމަށާއި، ރޯދަމަހު އެއްވެސް ދަތިކަމެއް ނެތި ފެން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

ޝާހު ވިދާޅުވީ ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތަކަށް ފަސޭހަކަމާއެކު ފެން ފޯރުކޮށްދެވުނު ނަމަވެސް ގޭބީސީތަކަށް ފެން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާކަމަށެވެ. އެއީ ގޭގެއިން މީހުންނާއި ދިމާވާ ދަތިތަކުގެ ސަބަބުންކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ހައްލެއްގެ ގޮތުން ގޭބީސީތަކުން ފެން ހޯއްދެވުމުގައި ފިހާރަތަކަށް ބޮޑަށް ބަރޯސާވުމަށް ޝާހު ވިދާޅުވިއެވެ.

"ގޭބީސީތަކުން ފެން ހޯއްދެއްވުމުގައި ފިހާރަތަކަށް ބޮޑަށް ބަރޯސާވެ ފިހާރަތަކުން ފެން ނެންގެވިއްޔާވެސް އައިބީއެމްއާ ހަމަ އެއް ރޭޓެއްގައި ލިބިގެންދާނެ. އަނެއްކާ ފިހާރަތަކުންވެސް ގޭގެއަށްވެސް ޑެލިވާކޮށްދޭނެ" ޝާހު ވިދާޅުވިއެވެ.

"ތާޒާ" ފެނުގެ 5 ލީޓަރުގެ ފެން އުފައްދަނީ މާލޭގައި ހުންނަ އެމްއައިބީ ކާރުޙާނާއިންނެވެ. އެހެން ނަމަވެސް "ތާޒާ" ފެނުގެ އެހެން ސައިޒްތަކުގެ ފުޅި އުފައްދަނީ ހުޅުމާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ ކާރުޙާނާއިންނެވެ.