ރޯދަމަހު މާލޭގައި މުދާ އުފުލުމަށް ހާއްސަ ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
މުދާ އުފުލުމަށް ހާއްސަ ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި މިވަނީ މާލޭގައި ރޯދަމަސް ފެށިގެން އައިއިރު މުދާ އުފުލުމަށް ގެންގުޅުނު އުސޫލުގެ ސަބަބުން ބައެއް ހިދުމަތްތައް ފޯރުކޮށްދޭން ދަތިތަކެއް ކުރިމަތިވުމާއި ގުޅިގެނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އާއްމުކުރި އުސޫލުގައި ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް ވަނީ ބަޔާންކޮށްފައެވެ.
މި އުސޫލުގެ ދަށުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ އުޅަނދެއްގައި އުފުލޭނެއެވެ. އަދި ހަވީރު 4:30 އިން ފެށިގެން 8:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެެކެވެ.
މި އުސޫލުގެ ދަށުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދެއްގައި މުދާ އުފުލޭނެއެވެ. އަދި މިވަގުތުތަކުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުންކަމަށްވެސް އުސޫލުގައިވެއެވެ. މީގެއިތުރުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ބުރިޖު ހުރަސްކޮށް ގެންދެވޭނެކަމަށްވެސް ޓްރާންސްޕޯޓްގެ އުސޫލުގައިވެއެވެ.
ޓްރާންސްޕޯޓުން ވިދާޅުވީ މިއެންގުމާއި ޚިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ރަމަޟާން މަހުގައި މި އުސޫލުގެ ދަށުން އަމަލުކުރުމަށް ޓްރާންސްޕޯޓުން ވަނީ އިއުލާންކޮށްފައެވެ.