ޚަބަރު

އަތޮޅުތަކަށް އިތުރު 8 އެމްބިއުލާންސް


އިތުރު 8 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ސިއްޙީ ކުއްލި ޙާލަތުގައި ދެވޭ ފަރުވާގެ ޙިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން ޙާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކުއްލި ޙާލަތްތަކުގެ ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަޞީލަތަކީ އެމްބިއުލާންސްގެ ޚިދުމަތްކަމަށްވާއިރު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ހުރި ގިނަ އެމްބިއުލާންސްތައް ބޭނުން ނުކުރެވި ހަލާކުވެފައިވާކަމުގެ ޝަކުވާ ގިނަ ރަށްރަށުން ވަނީ ހެލްތު މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކާ މިދިޔަ އަހަރުގެ ޖޫންމަހު ވަނީ އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަޝްރޫޢުއެއް ފަށާފައެވެ.

މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް މިނިސްޓްރީން ވަނީ އެސްޓީއޯއާ ޙަވާލުކޮށްފައެވެ. އެސްޓީއޯއިން ބުނީ އެންމެ ފަހުން ގެނެސްފައިވާ 8 އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. އަލަށް ފޮނުވާ އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ޏ. ފުވައްމުލަކު، ސ. ހިތަދޫ އަދި ގދ. ނަޑެއްލާގެ އިތުރުން ކ. ގުރައިދޫއަށެވެ.

އަތޮޅުތަކުގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް ސިއްހީ ފަރުވާ ހޯދަން ކޮންމެހެން މާލެ އަންނަން ޖެހިގެން ނޫނީ މާލެއަށް އައުން ހުއްޓުވުމަށް ސަރުކާރުން ދަނީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށާއި ސިއްޙީ މަރުކަޒުތަކަށް ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރިއަށްވުރެ ފުޅާކޮށްފައެވެ.

އަތޮޅުތަކުގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް މަސައްކަތް ކުރާއިރު މިވަގުތުވެސް ބޮޑެތި ގިނަ އޮޕަރޭޝަންތަކެއް އަތޮޅުތެރޭގައި އަންނަނީ ކުރަމުންނެވެ. އަދި މީގެ ކުރިން އެކި ޚިދުމަތްތައް ހޯދުމަށް މާލެއަށް ދާންޖެހޭ ގިނަ ޚިދުމަތްތަކެއް އަތޮޅުތަކުގައި ފަހިވެފައިވާކަން އެނގުމުން ގިނަ ބަޔަކު ކައިރި އަތޮޅުތަކަށް ސިއްޙީ ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާކަން ވަނީ ފާހަގަވެފައެވެ. މިއީ ކޯވިޑް-19އާއެކު މާލެ ފުރަބަންދުގައި އޮތް ދުވަސްވަރު ގެންނަން ޖެހުނު ބަދަލެކެވެ.