ޚަބަރު

" އޭ.އައި.އައި.ބީން މަޝްރޫއުތަކަށް ފައިސާ ހޯދަން ފަސޭހަވާނެ "


އޭޝިޔަން އިންފްރާސްޓަރަކްޗަރ އިންވެސްޓްމަންޓް ބޭންކް،  އޭ.އައި.އައި.ބީގެ ސަބަބުން ރާއްޖޭގައި
ކުރިއަށްގެންދަން ބޭނުންވާ ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމުގައި
ފަސޭހަވެގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު
ވިދާޅުވެއްޖެއެވެ.



ޗައިނާއިން
އިސްނަގައިގެން ޤާއިމްކުރި މި ބޭންކުގެ 57 ފައުންޑިންގ މެމްބަރުން ހިމެނޭ އިރު،
މީގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.



ބައިނަލްއަޤްވާމީ
މާލީ ދާއިރާގައި ވޯލްޑް ބޭންކާއި އައި.އެމް.އެފްއާއި އޭޝިއަން ޑިވެލޮޕްމަންޓް
ބޭންކާއި ވާދަކުރުމުގެ މަޤްސަދުގައި ޗައިނާއިން ޤާއިމްކުރި އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް
ބޭންކް  ނުވަތަ އޭ.އައި.އައި.ބީގެ
މައި ޙިއްސާދާރުންނަކީ، ޗައިނާއާއި ރަޝިޔާ އަދި އިންޑިއާއެވެ. މިތިން ޤައުމުގެ އިތުރުން
ފައުންޑިންގ މެމްބަރުންގެ ގޮތުގައި 54 ޤައުމަކުން ބައިވެރިވެއެވެ. މީގެ ތެރޭގައި
ދިވެހިރާއްޖެ، ފަރަންސޭސިވިލާތް، ސަޢޫދީ ޢަރަބިއްޔާ، އީރާން ފަދަ ޤައުމުތައް
ހިމެނެއެވެ.

ބޭންކް ރަސްމީކޮށް ހުޅުވުމަށް ޗައިނާގެ ވެރިރަށް
ބެއިޖިންގގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގެންނެވީ
ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އޭ.އައި.އައި.ބީ އާ ގުޅޭގޮތުން
ޕީއެސްއެމާއި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު
ވިދާޅުވީ، މި ބޭންކްގެ ސަބަބުން ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ބޮޑެތި
ޢުމްރާނީ ތަރައްޤީގެ މަޝްރޫތަކާއި، އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް
ބޭނުންވާ ޕްރައިވެޓް ސެކްޓަރ ކުންފުނިތަކަށް ފަސޭހައިން ފައިނޭންސް ހޯދުމަށް
ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. 



ރާއްޖެއިން މި ބޭންކަށް
ކަނޑައަޅުއްވާފައިވާ ގަވަނަރުގެ ހައިޞިއްޔަތުން، މި މަހުގެ 19 އަށް ކުރިއަށްދާ،
"އިނޯގްރަލް ބޯޑް އޮފް ގަވަނާރސް މީޓިން" އަދި "އިނޯގްރަލް ބޯޑް
އޮފް ޑިރެކްޓާރސް މީޓިން" ގައި ބައިވެވަޑައިގެންނަވަނީވެސް ހައުސިން
މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. 



އޭ.އައި.އައި.ބީ ހުޅުވުމުގެ ރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވީ، ޗައިނާއިން އެބޭންކަށް
އިތުރު 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި މިއީ ބެންކުގެ މެމްބަރު ޤައުމުތަކުގެ
ތެރެއިން ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ކުރިއަށް ގެންދާ ޢުމްރާނީ
ތަރައްޤީގެ މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުން އެކުލަވާލާ ޚާއްސަ ފަންޑެއްގެ ދަށުން
ބޭނުން ކުރާނެ ފައިސާ ކަމަށް ވެސް ޝީ ވިދާޅުވިއެވެ. 



ޗައިނާގެ ރައީސް
ވިދާޅުވީ އޭ.އައި.އައި.ބީ ފުރިހަމަކަމާއެކު މަސައްކަތް ކުރަން ފެށުމުން އޭޝިއާ
ބައްރުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އެބޭންކުން ބޮޑެތި
އިންވެސްޓްމަންޓްތައް ކުރާނެ ކަމަށާ މިއާއެކު ސަރަޙައްދަށް ގިނަ ކުރިއެރުންތަކެއް
ލިބިގެންދާނެ ކަމަށެވެ. 



އޭ.އައި.އައި.ބީގެ
ރައުސުލްމާލަކީ 100 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ވޯލްޑް ބޭންކުގެ
ރައުސްމާލުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢަދަދެކެވެ.