ވިޔަފާރި

ކުމްމިންގ ފެއާރގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި


ސައުތު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތައް އެއްތަނަކުން ވިއްކުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުމްމިންގ ފެއާރގައި ތަކެތި ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަހަރުގެ ކުމްމިންގ ފެއާރގެ "ކަންޓްރީ އޮފް އޮނާ"ގެ މަޤާމް ރާއްޖެއަށްވަނީ ލިބިފައިއެވެ.  މިއަހަރުގެ ފެއާރގައި ރާއްޖޭގެ އުފެއްދުންތެރިކަމާއި އުފެއްދުންތައް އަދި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ރާއްވަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ފެއަރގައި ތަކެތި ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީމަހުގެ 15 ދުވަހުގެ ކުރިން ބައިވެރިވާން އެދޭ ފޯމާ އަދި ބައިވެރިކުރަން ބޭނުންވާ އުފެއްދުމުގެ ސާމްޕަލް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އަންގަވާފައިއެވެ. މިއަހަރުގެ ކުމްމިންގ ފެއަރގައި ކަންޓްރީ އޮފް އޮނާގެ މަޤާމު ލިބުމުން އެތަނުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ވަރަށް ބޮޑު ޖާގައެއް ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެއަރޕޯޓުން ފެށިގެން އެކްސްޕޯ ބާއްވާ ޢިމާރާތާއި ހަމައަށް "ތީމް ޑެސްޓިނޭޝަން" އެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ފުރުޞަތު ލިބިފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައިއެވެ.