ޚަބަރު

އިހްޔާ ފޯރަމް : ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަތުން


ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދަވާ ރަމަޟާންމަހުގެ އިހްޔާ ފޯރަމްގެ މިއަހަރުގެ ބައްދަލުވުންތައް ފަށައިފިއެވެ.

މިއަހަރަކީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމް ސަރުކާރުންގެންދަވާ 44 ވަނަ އަހަރެވެ.

އިސްލާމީ މަރުކަޒުގައި ފެށި މިއަހަރުގެ އިހްޔާ ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި އިސްލާމިކް މިނިސްްޓަރ އަހުމަދު ޒާހިރުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި އާއްމުންގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

އިހްޔާ ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގެ މައުޟޫއަކީ "ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބުމުގައި އަވަސްވެ ގަންނާށެވެ". މި މައުޟޫއަށް ފޯރަމްގައި ވާހަކަފުޅުދެއްކެވީ އައްޝައިޚް އިލްޔާސް ހުސައިން އާއި އައްޝައިޚް ނަސްރު ﷲ އަލީއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރުވެސް އިހްޔާ ފޯރަމްތައް ކުރިއަށްގެންދާނީ އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.

މިޕްރޮގްރާމަކީ އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ، ދީނީ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެކެވެ. އެގޮތުން ދީނީ އިލްމުވެރިން މެދުވެރިކޮށް އެކި މަޢުޟޫތަކަށް ވާހަކަދެއްކުމާއި، މަޢުލޫމާތުދިނުން ހިމެނެއެވެ. އަދި މިއީ އެމަޢުޟޫއަކާއި ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު އާއްމުންނަށްދީ، އާއްމުންގެ ބައިވެރިވުން ފުރިހަމައަށް ހިމެނޭ ޕްރޮގްމާކެވެ. މީގެއިތުރުން، ދީނީ ފޮތްތައް ހަދިޔާކުރުންވެސް އިޙްޔާ ފޯރަމްތަކުގެ ތެރެއިން ކުރިއަށްދެއެވެ. އެގޮތުން މިރޭ ބޭއްވި ފޯރަމްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ފަރާތްތަކަށް ވަނީ ބީއެމްއެލް އިސްލާމިކްއިން ސްޕޮންސަރކޮށްފައިވާ ހަދިޔާއެއް ދެއްވާފައެވެ.

ޒަމާނުއްސުރެ އިހްޔާ ފޯރަމް ބާއްވަމުން އައިސްފައިވަނީ މާލޭގައެވެ.. ނަމަވެސް މިއަހަރު މާލެއެކޭ އެއް ފެންވަރެއްގައި އަތޮޅުތެރޭގައިވެސް އިހްޔާ ފޯރަމްތައް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.