ޚަބަރު

ޗައިނާގެ ވިޔަފާރީގެ ވެރިރަށް ހުއްޓުމަކަށް


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ ވިޔަފާރީގެ ވެރިރަށްކަމަށްވާ ޝަންހާއީ ހުއްޓުމަކަށް އަތުވެއްޖެއެވެ.

26 މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޝަންހާއީގައި ފުރަބަންދުގެ އުޞޫލުތައް ތަންފީޒުކުރުމުން އެ ރަށުގައި ދިރިއުޅޭ ޢާއްމުންގެ ދިރިއުޅުމާއި ބޮޑެތި ވިޔަފާރި މަރުކަޒުތައްވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ ގޮތުން ޝަންހާއީގެ ބަނދަރުތައް ބަންދުކުރުމުން އެ ރަށަށް ބޭނުންވާ ޒަރޫރީ މުދާ ލިބުމުގައި ދަތިތަކަކާވަނީ ކުރިމަތިލާން ޖެހިފައެވެ. ޝަންހާއީއަކީ ދުނިޔޭގެ މުޙިއްމު ވިޔަފާރީގެ މަރުކަޒެއްވެސްމެއެވެ. އެހެންކަމުން އެ ރަށް ފުރަބަންދުކުރުމުން ދުނިޔޭގެ ވިޔަފާރިއަށްވެސް ބޮޑު އަސަރެއްކުރާނެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަންހާއީގައި 8،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ އޭގެ ކުރީ ދުވަހަށްވުރެ 1،500 އިތުރު ޢަދަދެކެވެ. ޝަންހާއީގައި ބަލިޖެހޭ ގިނަ މީހުންގެ ގައިން ބަލީގެ އަލާމާތްތަކެއް ނުފެނެއެވެ. އެހެންކަމުން އެ ރަށުގައި ދިރިއުޅޭ އެންމެން ބައްޔަށް ތަޙުލީލުކުރުމަށްވަނީ ޢަންގައިފައެވެ.

ފާއިތުވި ދުވަސްތަކުގައި ޗައިނާގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށްވަނީ ކޯވިޑް-19 ޖެހެން ފަށައިފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 11،000އަށްވުރެ ގިނަ މީހުންވަނީ ބަލިޖެހިފައެވެ. އެއީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ޤައުމުގައި ހަލުވިކަމާއެކު ބަލިފެތުރުނު ދުވަސްވަރަށްވުރެ މަތީ ޢަދަދުތަކެކެވެ.