ޚަބަރު

ރަޝިޔާގެ ފައުޖުތަކުން ބޮޑެތި ޤަތުލްޢާއްމުތަކެއް ހިންގާކަމުގެ ތުޙުމަތުތަކެއް


ރަޝިޔާގެ ފައުޖުތަކުން ބޮޑެތި ޤަތުލްޢާއްމުތަކެއް ހިންގާކަމަށް ޔޫކްރެއިނާއި ހުޅަނގުގެ ބާރުތަކުން ތުޙުމަތުކޮށްފިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ޔޫކްރެއިނުގައި ކުރަމުންދާ ގެއްލުންބޮޑު ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ކުރަމުންދާ މަޝްވަރާތަކުގައި އެއްބަސްވުމެއް ޤާއިމުކުރުމަށް ފުރުޞަތުދިނުމަށް އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް މަޑުޖައްސާލުމަށްފަހު ރަޝިޔާގެ ފައުޖުތަކުންވަނީ ފަހަތަށް ޖެހުމަށް ނިންމައިފައެވެ. ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖެހިފައިވާ ޔޫކްރެއިނުގެ އުތުރުގެ ސަރަޙައްދުތަކާއި ވެރިރަށް ކިޔޭވު ހިމެނޭ ސަރަޙައްދުތައްވަނީ އަލުން ޔޫކްރެއިނުގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު އެ ސަރަހައްދުތަކުގައި ރަޝިޔާގެ އަސްކަރިއްޔާއިން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ޤަތުލްޢާއްމުތަކުގެ ފޮޓޯއާއި ވީޑިޔޯތައްވަނީ ޢާއްމުވެފައެވެ.

ޔޫކްރެއިނުގެ ވެރިރަށް ކިޔޭވާ 37 ކިލޯމީޓަރު ދުރުގައި އޮންނަ ބުޗާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވާ ގޮތުގައި ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް ރަޝިޔާގެ ސިފައިން ދީފައިވާ ވަރުގަދަ ޙަމަލާތަކުގައި 300އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކުވަނީ ވަޅަކަށް އަޅާލުމަށްފަހު ފަސްއަޅާފައިކަމަށާއި މަގުތައްމަތީގައިވެސް މަރުވެފައިވާ ގިނަ ޢަދަދެއްގެ މީހުންގެ ހަށިގަނޑުތައް ފުނިޖެހިފައިވާކަމަށެވެ. އަދި މަރުވެފައިވާ ގިނަ މީހުންގެ ހަށިގަނޑުތަކަށް ބޮޑެތި ޖިސްމާނީ އަދި ޖިންސީ އަނިޔާތައް ދީފައިވާކަމަށާއި ބައެއް މީގެ ގައިގައި ހުޅުޖަހާފައިވާކަމަށްވެސް ޔޫކްރެއިނުގެ ސަރުކާރުން ބުނެފައިވެއެވެ. އެ އަނިޔާވެރި ޢަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ޔޫކްރެއިނުގެ ސަރުކާރުންވަނީ ސިފަކޮށްފައެވެ.

ޔޫކްރެއިނުގައި ރަޝިޔާގެ ފައުޖުތަކުން ހިންގާފައިވާ ޖަރީމާތަކާ ގުޅޭގޮތުން ހުޅަނގުގެ ބާރުތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގޮތުން ވިލާތުގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އެންމެ އިސްވެރިޔާ ކޮސެފް ބޮރެލް ވިދާޅުވި ގޮތުގައި ޔޫކްރެއިނުގައި ހިންގާފައިވާ ޖަރީމާތައް ތަޙުޤީޤުކުރުމަށް އެ ޤައުމުގެ ސަރުކާރަށް އެހީތެރިކަމާއި އެއްބާރުލުން ވިލާތުގެ އިއްތިޙާދުން ފޯރުކޮށްދޭނެކަމަށެވެ. އަދި އެ މައްސަލަ ބައިނަލްއަޤްވާމީ ޢަދުލްއިންޞާފާބެހޭ ކޯޓަށް ހުށަހަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ލިޒު ޓުރަސް ވިދާޅުވެފައިވަނީ ޔޫކްރެއިނުގެ ބުޗާއާއި އިރްޕިންފަދަ ރަށްތަކުގައި ހިންގާފައިވަނީ ކަންބޮޑުވާފަދަ ޖަރީމާތަކެއްކަމަށާއި އެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓަށް އިނގިރޭސިވިލާތުން އިސްވެ ހުށަހަޅާނެކަމަށެވެ.

ޔޫކްރެއިނުގެ އުތުރުގެ ސަރަޙައްދުތަކުން ފަހަތަށް ޖެހުމަށްފަހު އެ ޤައުމުގެ ދެކުނުއިރުމަތީގެ ސަރަޙައްދުތަކަށް ރަޝީޔާގެ ފައުޖުތަކުންވަނީ ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފައެވެ. ފާއިތުވި ފަސް ހަފުތާގެ ތެރޭގައި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ރަޝީޔާއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އެ ޤައުމުގެ ދެކުނުއިރުމަތީގެ ސަރަޙައްދުތަކުގައެވެ. އެ ގޮތުން ޔޫކްރެއިނުގެ ދެކުނުއިރުމަތީގެ ސަރަޙައްދުތަކުގައި ރަޝިޔާގެ އަސްކަރީ ޙަރަކާތްތައް ފުޅާކޮށް އެ ޤައުމުގެ އަސްކަރިއްޔާއިންވަނީ ޔޫކްރެއިނުގެ ދެކުނުގައި އޮންނަ މުޙިއްމު ރަށެއްކަމަށްވާ އޮދެއްސާއަށް ދެމުންދާ ޙަމަލާތައް އިތުރުކޮށްފައެވެ.