ޚަބަރު

އިތުބާރުނެތްކަމުގެ ވޯޓުނަގަން އުޅުމުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލިސް އުވާލައިފި


ޕާކިސްތާނުގެ ބޮޑުވަޒީރު އިމުރާން ޚާނާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް އުވާލައިފިއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އިމުރާން ޚާނާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ހުށަހެޅި މައްސަލަ ޤާނޫނުހަދާ މަޖިލީހުން ތާވަލުކޮށްފައެއް ނުވެއެވެ. އޭރު ޤާނޫނުހަދާ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އިމުރާން ޚާންގެ ޕާޓީއަށް ނިޞްބަތްވާ މެންބަރެކެވެ. އިތުބާރުނެތްކަމުގެ ވޯޓުގެ ކުރިން ޕާކިސްތާނުގެ ވެރިކަންކުރާ އިއްތިޙާދަށް ނިޞްބަތްވާ ބައެއް މެންބަރުން އިދިކޮޅާ ގުޅުމުން އިމުރާން ޚާން މަޤާމުން ދުރުކުރެވޭނެކަމަށް ބެލެވުނެވެ. ނަމަވެސް އިތުބާރުނެތްކަމުގެ ވޯޓުން ރެކިވަޑައިގަންނަވައި އިމުރާން ޚާންވަނީ ޤާނޫނުހަދާ މަޖިލިސް އުވާލެއްވުމަށް އެ ޤައުމުގެ ރައީސް އާރިފް އަލްވީއަށް ދަންންވައިފައެވެ. އޭނާއަކީވެސް އިމުރާން ޚާންގެ ޕާޓީއަށް ނިޞްބަތްވެވަޑައިގަންނަވާ މެންބަރެކެވެ.

ބޮޑުވަޒީރުގެ މަޤާމުން އިމުރާން ޚާން ވަކިކުރަން އުޅުމުން ރައްދުގައި އޭނާ އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ ސިޔާސީ މަޞްރަޙުވަނީ ހަލަބޮލިވެ ނޭނގުމެއްގެ ތެރެއަށް ވެއްޓިފައެވެ. އިމުރާން ޚާން ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ނިޒާމު އޮތީ ކިލަނބުވެފައެއްވެ. އެހެންކަމުން އޭނާވަނީ ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި އެ ޤައުމުގައި ޢާއްމު އިންތިޚާބެއް ބާއްވާނެކަން އިޢުލާންކުރައްވައިފައެވެ.

ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލިސް އުވާލުމުން އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުންވަނީ އެއީ ޤައްދާރުވުމުގެ ޢަމަލެއްކަމަށް ސިފަކޮށް އެ މައްސަލަ އެ ޤައުމުގެ ސުޕުރީމު ކޯޓަށް ހުށަހަޅާނެކަމަށް ބުނެފައެވެ. ސަރުކާރަށް ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލިފައިވާ ދަނޑިވަޅެއްގައި އެފަދަ ފިޔަވަޅުތަކެއް އެޅުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުންވަނީ ބުނެފައެވެ.

1947ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން މިނިވަންކަން ލިބުނުފަހުން 220 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް ފަސް އަހަރުގެ ދަޢުރެއް ފުރިހަމަކުރެއްވިފައެއް ނުވެއެވެ.