ޚަބަރު

ކާފިޔު އިޢުލާންކޮށްފައިވަނިކޮށް ލަންކާގައި ވަރުގަދަ މުޒާހަރާތަކެއް


ސުރީ ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ކާފިޔުއެއް ތަންފީޒުކުރި ނަމަވެސް އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތާމެދު ރުޅިގަދަވެފައިވާ ޢާއްމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.

ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަވަނީ އޭޕުރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު 6އެއް ޖެހުމާ ހަމައަށް ކާފިޔުއެއް ތަންފީޒުކުރައްވައިފައެވެ. އޭގެ ކުރިން އޭނާވަނީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވައި ބައެއް ޤާނޫނުތަކަށް ޢަމަލުކުރެއްވުން މެދުކަނޑާލައްވައި ޞުލްޙައާއި އަމަން ބެލެހެއްޓުމަށް ހަތިޔާރާއެކު ސިފައިން ނުކުތުމަށް ޢަމުރުކުރައްވައިފައެވެ. އެއާއެކު ކޯޓު ޢަމުރަކައި ނުލައި މުދަލާއި ގެދޮރު ބަލައިފާސްކޮށް މީހުން ހައްޔަރުކުރުމުގެ ބާރު ސަލާމަތީ ފައުޖުތަކަށްވަނީ ލިބިފައެވެ. ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވަން ޖެހިވަޑައިގަތީ އެ ޤައުމަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުން އަރައިގަތުމަށް ސަރުކާރަށް ޖާގަދެއްވުމަށްކަމަށެވެ.

ސުރީ ލަންކާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ބެލުމެއްނެތި އެ ޤައުމުގެ އެތައް ހާސް ބަޔަކުވަނީ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފައެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ސަލާމަތީ ފައުޖުތަކުން ބާރުގެ ބޭނުންކޮށް ކަރުނަގޭސް ޖަހައި މުޒާހަރާތައް ރޫޅަން ކުރި މަސައްކަތްތައް ކާމިޔާބުވެފައެއް ނުވެއެވެ. އެ މުޒާހަރާތައް ފާހަގަވެފައިވަނީ ވަކި ޕާޓީއަކުން އިސް ނަގައިގެން ކުރިޔަށްގެންދާ ޙަރަކާތަކަށްވުރެ ބޮޑަށް ޢާއްމުންގެ ހިތްހަމަނުޖެހުންތަކުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުންތަކަކަށްށެވެ. އެ ގޮތުން އެ މުޒާހަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވަނީ ސިޔާސީވެރިންނަށްވުރެ ޒުވާނުންނެވެ.

ސުރީ ލަންކާގެ ޙާލަތު ހަމަމަގަށް އެޅުމަށް އެ ޤައުމުގެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މީސްމީޑިޔާގެ އެކި ވަޞީލަތްތައް ބޭނުންނުކުރެވޭ ގޮތް ހެދުންވެސް ހިމެނެއެވެ. ނަމަވެސް އެއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ބުނެ އެ ނިންމުމަށް ފަހުންވަނީ ބަދަލުގެނެސްފައެވެ. އަދި ކާފިޔުއާ ޚިލާފުވެގެން ސުރީ ލަންކާގެ ވެރިރަށް ކޮލޮންބޯއިންވަނީ 700އެއްހާ މީހުން ހައްޔަރުކޮށްފައެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބުރުވެފައެވެ. މައްސަލަ އިތުރަށް ގޯސްވީ ތަކެތީގެ އަގު އިންތިހާއަށް އުފުލި ދުވާލަކު 13 ގަޑިއިރަށް ކަރަންޓު ކަނޑަން ޖެހުނު ހިސާބުންނެވެ. ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓު ކަނޑަން ޖެހުނު މައިގަނޑު ސަބަބަކީ ސުރީ ލަންކާއިން ގަނެފައިވާ 37،000 ޓަނުގެ ޑީސަލަށް ދައްކަން ޖެހޭ 52 މިލިޔަން އެމެރިކާ ޑޮލަރު ދެއްކޭނެ ގޮތް ނުވުމުންނެވެ. އެ ޤައުމުންވަނީ އިންޓަނޭޝަލް މަނިޓަރީ ފަންޑު، އައިއެމުއެފުގެ މާލީ އެހީތެރިކަމަށްވެސް އެދިފައެވެ. މީގެ ކުރިން އެ ޤައުމުންވަނީ 16 ފަހަރެއްގެ މަތިން އައިއެމުއެފުގެ މާލީ އެހީތެރިކަން ހޯދައިފައެވެ.

ސުރީ ލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. އެ ގޮތުން އެތައް ބިލިޔަން ޑޮލަރެއްގެ ލޯން ދިނުމަށް ސުރީ ލަންކާއިންވަނީ އިންޑިޔާއާއި ޗައިނާގައި އެދިފައެވެ. އެ ގޮތުން އިންޑިޔާއިންވަނީ ފަހުން ފައިސާދައްކާގޮތަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސުރީ ލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.