ތަޢުލީމު

ރަސްމާދޫ އާއި ފައިނު ސްކޫލުގައި 3 ބުރީގެ އިމާރާތެއް އެޅުމަށް ހަވާލުކޮށްފި


ރ. ރަސްމާދޫ އާއި އެއަތޮޅު ފައިނު ސްކޫލުގައި 3 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް އަމިއްލަ ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި 2 މަޝްރޫޢުގެ ޢަމަލީ މަސައްކަތްކުރުމަށް ޙަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ. ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޒުބައިރުއެވެ.

މި ދެ މަޝްރޫޢުގެ ތެރެއިން ރަސްމާދޫ ސްކޫލުގައި އަޅާ 3 ބުރީގެ އިމާރާތަށް 12.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. އަދި ފައިނު ސްކޫލުގައި އަޅާ 3 ބުރީގެ އިމާރާތަށް 15.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ދެ މަޝްރޫޢުވެސް ސްވިފްޓް އިންޖިނިއަރިންގއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަނީ އެލްކޭޖީއިން ފެށިގެން ގްރޭޑް ހަޔަކާ ދެމެދުގެ ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ އުނގެނުމުގައި ދިމާވާ ވަކިވަކި ދަތިތަކާއި ހެދިބޮޑުވުމުގައި ފެންނަ ލަސްކަން ޅަފަތުގައި ދެނެގަތުމަށްޓަކައި ބޭނުންވާ ޝާމިލް ވަޞީލަތެއް އުފެއްދުމަށް އެސްކީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީ އިން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ދަށުން ޑިޕަރޓްމަންޓް އޮފް އިންކްލުސިވް އެޑިޔުކޭޝަނުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އިބްރާހީމް ނައުޝާދެވެ. އަދި އެސްކީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް ކޯޑިނޭޓަރ ސޮފޫރާ ކައުސަރެވެ.