ޚަބަރު

ހިޔާ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ކާބޯތަކެތި ވިއްކުން ހުއްޓާލުމަށް އަންގައިފި


ހިޔާ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ކާބޯތަކެތި ވިއްކުމުގެ ޚިދުމަތް ދިނުން ހުއްޓާލުމަށް އެޗްޑީސީން އަންގައިފިއެވެ. އެޗްޑީސީން މިގޮތަށް އަންގާފައިވަނީ، އެ ސަރަޙައްދަކީ ކޮންސްޓްރަކްޝަން ސައިޓުތައް ގިނަ ސަރަޙައްދަށް ވުމާއެކު، ކާބޯތަކެތި ގެންގުޅުމުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑަށް ހުރަސްއެޅޭތީ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ދައްވެފައި، މިފަދަ ތަންތަނުގައި ދޭ ޚިދުމަތުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އެޗްޑީސީން ބުނެފައިވަނީ މިފަދަ ޚިދުމަތްތައް ދެމުންދަނީ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ކަނޑައަޅާފައިވާ ޤަވާއިދުތަކާވެސް ޚިލާފަށްކަމަށެވެ.

އެހެންކަމުން ގަވާއިދާ ޚިލާފަށް ހިޔާ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ކުރިއަށް އޮތް އެއް ހަފްތާ ތެރޭގައި، ނަގާ ސާފުކޮށް އަދި ގަވާއިދާ ޚިލާފަށް މިފަދަ ޚިދުމަތްތައް ދިނުން ހުއްޓާލުމަށްވަނީ އަންގާފައެވެ.

އަދި މިގޮތަށް، ނުނަގާ ހުރި ތަކެތި މިހިނގާ އޭޕްރީލް މަހުގެ 10ވަނަ ދުވަހުގެ ފަހުން އެޗްޑީސީން ނަގާނެ ކަމަށް ވަނީ ބުނެފައެވެ.
އެޗްޑީސީން ނެރެފައިވާ މި އުސޫލާއި އެއްގޮތަށް ޢަމަލު ނުކުރާނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް ވަނީ ބުނެފައެވެ.

ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަޙައްދަށް މީހުން ބަދަލުވާން ފެށިތާ 8 މަސް ދުވަސް ވެފައިވާއިރު، އެތަނުގައި ޚިދުމަތް ދެމުންދަނީ ވަރަށް މަދު ފިހާރައިންނެވެ.

ހިޔާ ސަރަޙައްދުގައި ބައެއް އާއްމު ފަރާތްތަކުން ފުރަތަމަ ފެށީ، މޭޒު ބަހައްޓައިގެ ހެދިކާ ވިއްކުމުގެ ވިޔަފާރިއެވެ. އަދި މިހާރު މޭޒު ބަހައްޓައިގެން އާއްމު ކުދި ފިހާރަތަކުން ތަކެތި ވިއްކާ ގޮތަށް އަންނަނީ ތަކެތި ވިއްކަމުންނެވެ. މިއީ އިކޮނޮމިކް މިނިސްޓްރީގެ ޚާއްސަ ހުއްދަތަކަކާއެކު ކުރިއަށްގެންދެވޭ ފަދަ ވިޔަފާރިއެކެވެ.

އެޗްޑީސީންދަނީ ހިޔާ ސަރަޙައްދުގައި ފިހާރައާއި ކާބޯތަކެތި ވިއްކުމާއި އެކި ކަހަލަ ވިޔަފާރިތަކަށް ޕްލޮޓްތައް ދޫކުރަމުންނެވެ. އަދި މިހާރު ވަނީ އެ ސަރަޙައްދުގައި ލޯކަލް މާރުކޭޓު ތަރައްޤީކުރުމަށް ގޮޅިވެސް ދޫކޮށްފައެވެ. މިވަގުތީ މާރުކޭޓުގައި 19 ގޮޅި ހިމެނޭއިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މމާރުކޭޓުން ޚިދުމަތް ފަށާނެއެވެ.