ވިޔަފާރި

އަންނަ އަހަރު ޖުލައި މަހު އައްޑޫ ޕޯޓަށް ބޮޑެތި ބޯޓު ކައިރި ކުރާނެ: އެމްޕީއެލް


އަންނަ އަހަރުގެ ޖުލައި މަހު އައްޑޫ އިންޓަރނޭޝަނަލް ޕޯޓުގެ ބޮޑުކުރުމުގެ ފުރަތަމަ ފިޔަވަހި ނިމި، ބޮޑެތި ބޯޓުފަހަރަށް މަގަތު ފާލަމަށް ކައިރިކޮށް މުދާ ބޭލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްގެ ދަށުން ހިނގަމުންދާ ހިތަދޫ ޕޯޓް އައްޑޫ އިންޓަނޭޝަނަލް ޕޯޓުގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިވަގުތު ކުރަމުންދަނީ މަޝްރޫޢުގެ އީއައިއޭގެ މަސައްކަތް ކަމަށް އެމްޕީއެލްއިން ބުނެއެވެ. މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރޭގައި މަގަތު ފާލަން މިހާރު އޮތްތަނުން ބަދަލުކޮށް ބޮޑުކުރުމާއި، އެސަރަހައްދު ހިއްކައި، ބްރޭކްވޯޓަރގެ މަސައްކަތްވެސް ހިމެނެއެވެ. އެމްޕީއެލްއިން ބުނީ ޕޯޓަށް ބޭނުންވާ އިކުއިޕްމަންޓްސް ގަންނަން މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އިކުއިޕްމަންޓްތައް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިމަސައްކަތާއި ގުޅިގެން ޕީއެސްއެމްއަށް މަޢުލޫމާތު ދެމުން ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މެނޭޖަރ އިބްރާހީމް ރަޝީދު ވިދާޅުވީ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭ މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން އަންގާފައިވާ ކަމަށެވެ.

" ޕޯޓުގެ އައު ބަނދަރުގެ މަގަތުފާލަން ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެމަސް ތެރޭ ފެށޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އަޅުގަނޑުމެންނަށް އެބައޮތް. އެމްޓީސީސީ މޯބަލައިޒް ކުރާނެ ކަމަށް މިބެލެވެނީ މޭއި މަސް ހިސާބުގައި. އޭރުން ބަނދަރު ސޭފް ބަނދަރެއްގެ ގޮތުގައި [އޮވެ]، މިހާރު ބޯޓު ފަހަރު ކައިރި ކުރުމުގައި ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ. މީގެ އިތުރަށް ބޯޓުތަކަށް ދެވޭ ޚިދުމަތްވެސް އިތުރުކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ. އެގޮތުން ފެނުގެ ޚިދުމަތް ބޯޓުތަކަށް ވަރަށް އަވަހަށް ލިބިގެން ދާނެ " އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ހިތަދޫގައި ހުންނަ ބަނދަރުގެ އެންމެ ބޮޑު މައްސަލައަކީ ބައެއް މޫސުން ތަކުގައި މަގަތު ފާލަމާއި ދިމާލަށް ބޯޓުތައް ކައިރި ނުވުމެވެ. މިކަމުގެ ސަބަބުން ބައެއް ޝިޕިންގް ލައިންތަކުން އެތަނަށް ދިއުމަށް ފަސްޖެހޭ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އެހެން ކަމުން މިމަސައްކަތް ނިމޭއިރު ރައްކާތެރިކަމާއެކު ބަނދަރު ކުރެވޭ ތަނަކަށް މިތަންވާނެ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

ހިތަދޫ ޕޯޓު ލިމިޓެޑުގެ ޑިޒައިނާއި މާސްޓަރ ޕްލޭން ހަދާފައިވަނީ ވަރަށް ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރެވިގެން ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މަސައްކަތް ނިމޭއިރު، ބަނދަރު ފުރިހަމަ ބައިނަލްއަޤްވާމީ ބަނދަރެއްގެ ގޮތުގައި ބޭނުން ކުރުމަށް ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ފާހަގަ ކުރެއެވެ.

ދާދި ފަހުން ރައީސުލްޖުމުހޫއްރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، ބަނދަރާއި ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަނީ އޮޅުންފިލުއްވާފައެވެ. އެމްޕީއެލްއިން ވިދާޅުވީ، ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު އެމްޓީސީސީ އާއި އެމްޕީއެލްއިން އެމަނިކުފާނާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އައްޑޫ ސަރަޙައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500,972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކާނެއެވެ. އަދި 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރަށް، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ބަނދަރު ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 211.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 525 ދުވަހުގެ ތެރޭގައެވެ. ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޕީއެލްއިން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރު އެޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ.