ދީން

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމް މިރޭ ފަށަނީ


1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ ފަށާނެއެވެ.

މިރެއިން ފެށިގެން ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 21:30 އިން 22:30 އަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައިކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ. އެގޮތުން 8 އޭޕްރީލްގައި މިޕްރޮގްރާމް ކުރިއަށްދާނީ ކުޅުދުއްފުށި ސިޓީގައި، 15 އޭޕްރިލްގައި އައްޑޫ ސިޓީގައި، 22 އޭޕްރިލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރިލްގައި ރ. އުނގޫފާރުގައެވެ.

މިރޭ އިސްލާމީ މަރުކަޒުގައި އޮންނަ އިޙްޔާ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނީ އައްޝައިޚް އިލްޔާސް ޙުސައިންއާއި އައްޝައިޚް ނަޞްރުﷲ ޢަލީއެވެ. މިރޭގެ މައުޟޫޢަކީ "ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ" މި މަޢުޟޫޢެވެ.

މިއަހަރަކީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމް ސަރުކާރުން ގެނެސްދޭތާ 44ވަނަ އަހަރެވެ. މިއަހަރުގެ ރަމަޟާންމަހު މާލޭގައި ބާއްވާ ފޯރަމްތައް ޓީ.ވީ.އެމުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުތަކުގައި ބާއްވާ ފޯރަމްތައް ޕީ.އެސް.އެމް ނިއުސްއިން ލައިވް ކުރާނެއެވެ.

މިޕްރޮގްރާމަކީ އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ، ދީނީ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެކެވެ. އެގޮތުން ދީނީ އިލްމުވެރިން މެދުވެރިކޮށް އެކި މަޢުޟޫޢުތަކަށް ވާހަކަދެއްކުމާއި، މަޢުލޫމާތުދިނުން ހިމެނެއެވެ. އަދި މިއީ އެމަޢުޟޫއަކާއި ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު އާއްމުންނަށްދީ، އާއްމުންގެ ބައިވެރިވުން ފުރިހަމައަށް ހިމެނޭ ޕްރޮގްރާމެކެވެ. މީގެއިތުރުން، ދީނީ ފޮތްތައް ހަދިޔާކުރުންވެސް އިޙްޔާ ފޯރަމްތަކުގެ ތެރެއިން ކުރިއަށްދެއެވެ.