ޚަބަރު

ހަ އަހަރުފަހުން ޔަމަނުގައި ޙަމަލާބަދަލުކުރުން ހުއްޓާލައިފި


ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ޔަމަނުގައި ދެ މަސްދުވަހަށް ޙަމަލާބަދަލުކުރުން ހުއްޓާލައިފިއެވެ.

އދން މެދުވެރިއެއްގެ ދަޢުރުޢަދާކޮށްގެން ޔަމަނުގައި ޤާއިމުކުރި އެއްބަސްވުމަށް ސަޢުދީ ޢަރަބިއްޔާއިންނާއި އިދިކޮޅު ޚޫޘީ ޖަމާޢަތުން އެއްބާރުލުން ދޭނެކަމަށްވަނީ ބުނެފައެވެ. އެއާއެކު އީރާނުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ޚޫޘީންގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބި އެ ޤައުމުގެ ވެރިރަށް ޞަންޢާއަށް ވައިގެމަގުން ދަތުރުކުރުމުގެ މަގު ހުޅުވޭނެކަމަށް ބެލެވެއެވެ. އދން އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ ރަމަޟާން މަހާ ދިމާކޮށް ޙަމަލާބަދަލުކުރުން ހުއްޓާލުމަށެވެ. ނަމަވެސް މަޝްވަރާތަކުގައި ހުރިހާ ފަރާތްތަކަކުންވެސްވަނީ ގޮތްދޫކޮށް ދެ މަސްދުވަހަށް ޙަމަލާބަދަލުކުރުން ހުއްޓާލުމަށްވަނީ އެއްބަސްވެފައެވެ. މީގެ ކުރިން ޔަމަނުގައި ޙަމަލާބަދަލުކުރުން ހުއްޓާލާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައި ބޭއްވި މަޝްވަރާތަކަށް ޖާގަދިނުމަށްށެވެ.

30 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޔަމަނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ %80 މީހުންވަނީ ޙާލުގައި ޖެހިފައެވެ. އދން މެދުވެރިއެއްގެ ދަޢުރުޢަދާކޮށްގެން ކުރަމުންދާ މަޝްވަރާތަކުގައި ޤައިދީން ބަދަލުކުރުމާ ގުޅޭގޮތުންވެސްވަނީ ވާހަކަދައްކައިފައެވެ. އެ ގޮތުން ސަޢުދީ ޢަރަބިއްޔާއިންވަނީ އެ ޤައުމުގެ 16 މީހުންނާއި ސޫދާނުގެ ތިން މީހުންނާއި ޔަމަނުގެ ރައީސްގެ ޢާއިލީ ބޭފުޅަކު ހިމެނޭހެން އެތައް ސަތޭކަ ޤައިދީންނެއް ދޫކޮށްލުމަށް އެދިފައެވެ. އެންމެ ފަހުން ޤައިދީން ބަދަލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު ދެ ފަރާތުން ޖުމުލަ 1،000 ޤައިދީން ބަދަލުކޮށްފައިވެއެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށުނީ ސަޢުދީ ޢަރަބިއްޔާއިން ތާޢީދުކުރާ ސަރުކާރު ވައްޓާލުމުންނެވެ. އެއާއެކު 2015ވަނަ އަހަރުގެ ތެރޭގައި ޢަރަބި އަސްކަރީ އިއްތިޙާދެއް އެކުލަވާލައި ސަޢުދީ ޢަރަބިއްޔާއިންވަނީ ޔަމަނަށް ޙަމަލާދޭން ފަށައިފައެވެ. ނަމަވެސް އޭގެ ފަހުން މުޙިއްމު ޢަރަބި ޤައުމުތަކެއްވަނީ އެ އަސްކަރީ އިއްތިޙާދުން ވަކިވެފައެވެ.