ޚަބަރު

ހަތަރު އަހަރުފަހުން ނޭޕާލުގެ ބޮޑުވަޒީރެއް އިންޑިޔާއަށް


ހަތަރު އަހަރުފަހުން ނޭޕާލުގެ ބޮޑުވަޒީރެއް ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފިއެވެ.

ނޭޕާލުގެ ބޮޑުވަޒީރު ޝާރް ބަހާދަރް ދޫބާ އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީއަށް ކުރައްވަމުންދާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްވަނީ މަޝްވަރާކުރައްވައިފައެވެ. އެއަށްފަހު އެ ދެ ބޭފުޅުންވަނީ އިންޑިޔާއާއި ނޭޕާލާ ދެމެދު ރޭލުދަތުރުތައް އިފްތިތާޙުކުރައްވައިފައެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ނޭޕާލުގެ ޖަނާކްޕޫރުން އިންޑިޔާގެ ޖޭނަގަރަށެވެ. އެ މަޝްރޫޢުގެ ދަށުން އިންޑިޔާގެ ހިލޭ އެހީގައި 35 ކިލޯމީޓަރުގެ ރޭލްވޭއެއްވަނީ ތަރައްޤީކޮށްފައެވެ. އޭގެ އިތުރުން ހިމާލަޔާ ފަރުބަދަތައް ހުންނަ ސަރަޙައްދުގައި އުފައްދައި އިޔާދަކުރުވަނިވި ހަކަތަ ނޭޕާލުގެ ކަރަންޓު ވިޔުގައާ ގުޅާލުމުގެ މަޝްރުޢޫވެސް އެ ދެ ބޭފުޅުންވަނީ އިފްތިތާޙުކުރައްވައިފައެވެ. އިންޑިޔާގެ އެހީގައި ކުރިޔަށްގެންދިޔަ އެ މަޝްރޫޢުއަކީ ސަރަޙައްދީ ތަރައްޤީގެ ދުވެލި އަވަސްކޮށްދޭނެ މަޝްރޫޢުއެއްކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިޔާއާއި ޗައިނާއާ ސަރަޙައްދިީ ރޮނގު ޙިއްޞާކުރާ ނޭޕަލުވެފައިވަނީ އެ ދެ ޤައުމަށްވެސް މުޙިއްމު ސަރަޙައްދަކަށެވެ. އެއާއެކު އެ ދެ ޤައުމުންވަނީ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ މަޝްރޫޢޫތައް ނޭޕާލުގައި ފަށައިފައެވެ. ނޭޕާލުގެ ބޮޑުވަޒީރު އިންޑިޔާއަށް ވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީވަނީ އެ ޤައުމަށް ވަޑައިގެން މުޙިއްމު މަޝްވަރާތަކެއް ކުރައްވައިފައެވެ.